ކުޅިވަރު

ހަލް ސިޓީ އަތުން ބަލިވިކަމަށް ޤަބޫލެއް ނުކުރަން - މޮރީނިއޯ


ރޭ ހަލްސިޓީ އަތުން ޔުނައިޓެޑް ބަލިވިކަމަށް ޤަބޫލުނުކުރާކަމަށް މެންޗެސްޓަރ ޔުނައިޓެޑް ކޯޗް ޚޯސޭ މޮރީނިއޯ ބުނެފިއެވެ. 

އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް ދެވަނަ ލެގުގައި ޔުނައިޓެޑް ހަލް ސިޓީ އަތުން ބަލިވީ 2-1 ނެވެ. އެހެންނަމަވެސް ފުރަތަމަ ލެގުގެ މެޗް 2-0 ން ކާމިޔާބުކޮށްފައި އޮތުމުން ދެލެގުގެ އެގްރިގޭޓަށް ބަލާއިރު 3-2 ގެ އެގްރިގޭޓުން ޔުނައިޓެޑަށްވަނީ ފައިނަލްގެ ޖާގައެއް ލިބިފައެވެ. 

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗް ޚޯސޭ މޮރީނިއޯ މެޗަށްފަހު ބުނީ ރޭގެ މެޗުން އެޓީމް ބަލިނުވާކަމަށާއި، އޭނާއަށް މެޗުގައި ފެނުނީ އެންމެ ދެ ލަނޑު ކަމަށެވެ. ހަލްސީޓިން މޮޅަށް ކުޅުނުކަމަށާއި، މެޗާއިމެދު ބުނާނެ މާގިނަ ވާހަކައެއް ނެތްކަމަށް މޮރީނިއޯ ބުންޏެވެ.

"އަަހަންނަށް މެޗުގެ ނަތީޖާއަކީ 1-1. ޔުނައިޓެޑް ބައްޔެއް ނުވޭ، މިވަރުން ނޫސްވެރިންނަށް އިނގޭނެކަމަށް މި ބަލަނީ އަހަރެން މި ބުނި އެއްޗެއް" މޮރީނިއޯ ބުންޏެވެ.

ރޭގެ މެޗުން މޮޅުވި ނަމަވެސް ފައިނަލްގެ ޖާގަ ނުލިބުނު ހަލް ސިޓީގެ ކޯޗް މާކޯ ސިލްވާ ބުނީ، ޔުނައިޓެޑް އަތުން މޮޅުވެ ލިބުނު ހިތްހަމަޖެހުމަށްވުރެ ފައިނަލްގެ ފުރުސަތު ނުލިބުމުން ލިބުނު ދެރަ މާ ބޮޑުކަމަށެވެ. ކުޅުންތެރިން ބުރަކޮށް މަސައްކަތްކުރިކަމަށާއި، ހަލް ސިޓީއަށް ފައިނަލްގެ ޖާގައެއް ހައްޤުކަމަށްވެސް އޭނާ ބުންޏެވެ.

"ހުރިހާ ކުޅުންތެރިންވެސް ބުރަކޮށް މަސައްކަތްކުރި، އަހަރެމެން ފައިނަލަށް ދިޔުން ހައްގު، ޓީމް މިއޮތީ ރަނގަޅު ފޯމެއްގައި މިހާރު" ކޯޗު ބުންޏެވެ.

ރޭގެ މެޗަކީ މޮރީނިއޯގެ އިރުޝާދުގެދަށުން ކުޅުނު ޓީމެއް ހަލް ސިޓީ އަތުން ބަލިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އިނގިރޭސި ލީގު ކަޕްގެ ފައިނަލްގައި މެންޗެސްޓާރ ޔުނައިޓެޑް ވާދަކުރާނީ ލިވަޕޫލް ބަލިކޮށް ފައިނަލްގެ ޖާގަ ހޯދި ސައުތަމްޓަނާއި ދެކޮޅަށެވެ.