ތަރައްްޤީ

"ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު ކައުންސިލްތަކުގަ އޮންނަންޖެހޭ"


ސަރުކާރާ ގުޅިވަޑައިގެން މަސައްކަތްކުރެއްވުމުގެ ރޫޙު ކައުންސިލްތަކުގެ މެމްބަރުންގެ ކިބައިގައި އޮންނަންޖެހޭކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.  މ.އަތޮޅު ކައުންސިލްގެ "ފާންތަރި" އެވޯޑް ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަޒްލީން ވިދާޅުވީ، ސަރުކާރުން ކަންތައްތައް ކޮށްދެން ބޭނުންވާއިރު އެކަންކަން ކުރެއްވޭނީ ކައުންސިލްތަކުގެ އެއްބާރުލުން ސަރުކާރަށް ލިބިވަޑައިގަންނަވައިގެންކަމަށެވެ.

އަދި ރަށްރަށުގެ މުއައްސަސާތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންވެސް ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޤާބިލްކަން ހުރި ބަޔަކަށް ވާންޖެހޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، މިއަދު މުވައްސަސާތަކުން ފެނިގެންދާނީ އެއްވެސް ތަފާތު ކުރުމެއް ނެތި ޚިދުމަތްދޭ ތަންކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ވަކި ރަށަކަށް ވަކި ކުލަޔަކަށް ބެއްލެވުމެއް ނެތި ހުރިހާ ރައްޔިތުންނަށް ޚިދުމަތް ދެއްވުންކަމަށެވެ. އެހެންނަމަވެސް ބައެއް ކައުންސިލަރުންގެ ސަބަބުން ބައެއް މަޝްރޫޢުތައް ލަސްވެގެންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ސަރުކާރާ ގުޅިގެން ސަރުކާރާއެކު ރައްޔިތުންނަށް ތަރައްޤީ ފޯރުކޮށްދިނުމުގެ ކެރިފޯރުންތެރިކަން ކޮންމެ ކައުންސިލަކަށް ލިބިގެން ވާންޖެހޭނެ. ފުޓްސަލް ދަނޑެއް އަޅަން ސަރުކާރުން ބިން ހަމަޖައްސަދޭން އެދުނީމާ ކައުންސިލް މެމްބަރުންނަށް އެރަށަށް ނިސްބަތްވާ ޒުވާނުންނަށް މިފަދަ ބޮޑު ކަމެއް ވެގެންދާއިރު އެ ބިން ހަމަނުޖައްސާ ދިގު ދަންމާލުމަކީ އެއްގޮތަކަށްވެސް ޤަބޫލުކުރެވޭ ކަމަކަށް ނުވާނެ." ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވިއެވެ.