ކުޅިވަރު

ސިޓީ، އާސެނަލް، ޗެލްސީ މޮޅުވިއިރު ލިވަޕޫލް ކަޓައިފި


އިނގިރޭސި އެފްއޭކަޕްގައި މެންޗެސްޓަރ ސިޓީ، އާސެނަލް , ޗެލްސީ މިޓީމުތައް މޮޅުވިއިރު ލިވަޕޫލް މުބާރާތުން ކަޓައިފިއެވެ. 

އެފްއޭކަޕްގެ ހަތަރުވަނަ ބުރުގައި މެންޗެސްޓާރ ސިޓީ ނުކުތީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ. މި މެޗް 3-0 އިން ސިޓީ ކާމިޔާބުކުރިއިރު މެޗުގައި އެޓީމުގެ ޒުވާން ތަރިންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ސިޓީގެ 3 ގޯލް ޖަހައިދިނީ ރަހީމް ސްޓާރލިންގ، ލެރޯއީ ސަނޭ ، ޔާޔާ ޓޫރޭއެވެ. 

ޗެލްސީ އެފްއޭކަޕްގެ4 ވަނަ ބުރުގައި ކުރި ހޯދީ ބްރެންޓްފޯޑްގެ މައްޗަށެވެ. 4-0 އިން މި މެޗް ޗެލްސީ ކާމިޔާބުކުރިއިރު މެޗުގައި އެޓީމްގެ ގޯލްތައް ޖަހައިދިނީ ވިލިއަން، ޕެޑްރޯ، އިވަނޮވިޗް، މިޝީ ބަޓްޝުއާއީއެވެ. 

ޑެނީ ވެލްބެކާއި ތިއޯ ވޮލްކޮޓްގެ ގޯލްތަކާއިއެކު އާސެނަލްވަނީ ސައުތަމްޓަންގެ މައްޗަށް ފަސޭހަކަމާއިއެކު ކުރި ހޯދާފައެވެ. ރޭގެ މެޗް އާސެނަލް ކާމިޔާބުކުރީ 5-0 އިންއެވެ. މެޗުގައި އާސެނަލްގެ ފުރަތަމަ ދެ ގޯލް ޖަހައިދިނީ ޑެނީ ވެލްބެކެވެ. ފަހު 3 ލަނޑު އާސެނަލަށް ޖަހައިދިނީ ތިއޯ ވޮލްކޮޓެވެ. ސައުތަމްޓަންވަނީ އިނގިރޭސި ލީގް ކަޕުން މި ސީޒަންގައި އާސެނަލް ކަޓުވާލާފައެވެ. އަދި ރޭގެ މެޗަކީ 2003ވަނަ އަހަރުގެ ފަހުން ސައުތަމްޓަންގެ ދަނޑުގައި އާސެނަލް މޮޅުވި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

އަމިއްލަ ދަނޑުގައި އެއް ހަފްތާތެރޭގައި ތިންވަނަ ފަހަރަށް ލިވަޕޫލް ބަލިވެ އެފްއޭކަޕުން އެޓީމްވަނީ ކަޓާފައެވެ. ޕްރިމިއަރ ލީގާއި ލީގް ކަޕްގައި އެންމެ ފަހުން ކުޅުނު މެޗުތަކުން ބަލިވެފައިވާ ލިވަޕޫލް ރޭ ބަލިވީ ދެވަނަ ޑިވިޝަންގެ ވުލްވަހަމްޓަން ވަންޑާސް އަތުން 2-1 އިންއެވެ. މި މެޗުގެ ފުރަތަމަ މިނެޓުގައި ވުލްވްސްއަށް ލީޑް ނަގައިދިނީ ރިޗާޑް ސްޓިއަރމަންއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އަންދްރޭސް ވެއިމަންގެ ގޯލުން ވުލްވްސްއިން ލީޑް ފުޅާކުރިއިރު، ލިވަޕޫލަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ ޑިވޮކް އޮރިގީއެވެ. 

އަމިއްލަ ދަނޑުގައި ޖެހިޖެހިން ތިން މެޗުންބަލިވުމާއިއެކު ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ ލިވަޕޫލަށް އަމާޒުވަމުންނެވެ. ލީގުގައި ކުރިއަށް ޗެލްސީއާއި ދެކޮޅަށް ކުޅެން ޖެހޭއިރު، ނިމިގެންދިޔަ ތިން މެޗުގެ ނަތީޖާގެ ސަބަބުން އެޓީމަށް އުނދަގޫތަކެއް ކުރިމަތިވާނެކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އެފްއޭ ކަޕުން ރޭ ކެޓުމާއިއެކު ބާކީ އެޓީމަށް މިހާރު ސީޒަންގައި އޮތީ ޕްރިމިއަރ ލީގް އެކަންޏެވެ.