ހުރަވަޅި އައިލެންޑް ރިސޯޓުގައި ހަދާފައިވާ ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓު ރައިސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ކަނޑުގެ ނަވާރަ ފޫޓު ނުވަތަ ފަހެއް ޕޮއިންޓު އަށެއް މީޓަރު އަޑީގައި ހުންނަ މި ރެސްޓޯރެންޓަކީ ސައުވީސް މީހުންގެ ޖާގައިގެ ރެސްޓޯރެންޓެކެވެ. ފައިވް ޕޮއިންޓް އެއިޓުގެ ނަން ދީފައިވާ މި ރެސްޓޯރެންޓް ރައީސްގެ އަނބިކަނބަލުން ހުޅުއްވައިދެއްވީ ހުރަވަޅި އައިލެންޑް ރިސޯޓް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ.
img:http://s4.psmnews.mv/images/660x400/14858471983096.jpg|ރެސްޓޯރެންޓް ހުޅުއްވައިދެއްވުމަށްފަހު ބޭއްވި ފަރިއްކޮޅުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނަވަނީ
މި ރެސްޓޯރެންޓް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަނލުން އެ ރެސްޓޯރެންޓުގައި ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާގެ ހިއްސާ އޮންނަ ޗަމްޕާލާސް ކުންފުންނީގެ "ހުރަވަޅި" ރިސޯޓުގެ ކަނޑުގެ އުރަފަށުގައި ބަހައްޓާފައިވާ މި ރެސްޓޯރެންޓް ފަރުމާކޮށްފައިވަނީ ކޮންރެޑް މޯލްޑިވްސްގައި ހުންނަ މޫދު އަޑީގެ ރެސްޓޯރެންޓުވެސް ފަރުމާކުރި ކުންފުނިންނެވެ.
img:http://s3.psmnews.mv/images/660x400/14858472342584.jpg|ހުރަވަޅި ރިސޯޓުގައި ތަރައްޤީކޮށްފައިވާ ކަނޑުއަޑީގެ ރެސްޓޯރަންޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ހުރަވަޅި
ރެސްޓޯރެންޓުގެ އޮނިގަނޑު ތައްޔާރުކޮށްފައިވަނީ ނިއު ޒިލޭންޑުގައެވެ. އޮނިގަނޑުގައި 400 ޓަނު ހުންނަ ހުރެއެވެ. ތިމާވެއްޓާއި ރަހުމަތްތެރިގޮތަކަށް ތަރައްޤީކޮށްފައިވާ މި ރިސޯޓުގައި މޫދު އަޑީގެ ރެސްޓޯރެންޓާއި އެކު ޖުމްލަ ތިން ރެސްޓޯރެންޓު ހުރެއެވެ.