ތަރައްްޤީ

ސަރުކާރާ ގުޅިގެން މަސައްކަތްކުރާނަމަ ތަރައްޤީ އަވަސްވާނެ - ތާރިޤް


ސަރުކާރާ ގުޅިގެން މަސައްކަތްކުރުމުން، ރަށުގެ ތަރައްޤީ އަވަސްވާނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރ ހުޅުދުއްފާރުގެ ފެނާއި ނަރުދަމާގެ ޢަމަލީ މަސައްކަތް ފެއްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރ. ހުޅުދުއްފާރުގައި ސާފު ބޯފެނާއި ނަރުދަމާގެ ޢަމަލީ މަސައްކަތް ފެއްޓެވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ދެއްވާއިރު ވަކި ޕާޓީއަކަށް ނުބައްލަވާ ކަމަށެވެ. ނަމަވެސް ސަރުކާރުން ބައެއް ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގަވާއިރު ކައުންސިލްތަކުގައި ސަރުކާރުގެ މެޖޯރިޓީ ނެތުމުގެ ސަބަބުން އެ މަޝްރޫޢުތައް ހިންގެވުމަށް ކައުންސިލްގެ ފަރާތުން ލިބެންޖެހޭ ފުރިހަމަ އެއްބާރުލުން ލިބިވަޑައިނުގެން، ބައެއް ކަހަލަ ދަތިތައް ކުރިމަތިވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑުމެންގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވައިފިކަމަށް ވަންޏާ އަދި މިއަށްވުރެވެސް މާ އަވަސްމިނެއްގައި މިރަށްވެސް އަދި ރާއްޖެވެސް ކުރިއަރައިގެން ދާނެކަމީ ހަމަ ޔަޤީން ކަމެއް. އެއީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާއަކީ އެހާ ޤާބިލް އަދި ކަންތައްތައް ކުރަން ކެރިވަޑައިގަންނަވާ ބޭފުޅަކަށްވާތީ،" އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ރާއްޖެއަށް ހޯއްދަވައިދެއްވާ ތަރައްޤީއާއި ކުއިއެރުއްވުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

"ރައީސް ޔާމީންގެ މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި މުޅި ޤައުމަށް ގެނެސްދެއްވި ތަފާތު ބަދަލުތަކާ އިޞްލާޙީ އެތައް މަސައްކަތްތަކާމެދު ވިސްނާލާއިރު އަޅުގަނޑުމެން މިއަދު ޤަބޫލްކުރަންޖެހޭ ޙަޤީޤަތަކީ ދިވެހި ރާއްޖޭގެ ތާރީޚްގައިވެސް ޤައުމެއް ބިނާކުރެއްވުމަށްޓަކައި، ޤައުމެއްގެ މުސްތަޤްބަލް އުޖާލާ ކުރެއްވުމަށްޓަކައި އަދި އެޤައުމަށް ބޭނުންވާ ތަރައްޤީއާއި ޙަޟާރަތު އަދި ހަމައެއާ އެކީގައި އެތަނަކަށް ބޭނުންވާ ސިވިލައިޒޭޝަނެއް ގެނައުމަށްޓަކައި އެންމެ ރަނގަޅަށް އެންމެ ހަރުދަނާކަމާއެކު މަސައްކަތްކުރެއްވި ބޭފުޅަކަށް ރައީސް ޔާމީން ވާނެކަން،" ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

ހުޅުދުއްފާރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަވަނީ އެމްޑަބްލިޔުއެސްސީއާއި ޙަވާލުކުރައްވައިގެންނެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، މި މަޝްރޫޢުގެ މަސައްކަތް ކަނޑައެޅިފައިވާ ތާރީޚަށް ނިންމުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އަދި މި މަސައްކަތައް ބޭނުންވާ ގިނަ ސާމާނު މިހާރު ރާއްޖެއަށް ގެނެސްފައިވާކަން ފަޒުލް ފާހަގަކުރެއްވިއެވެ.

"މި މަޝްރޫޢުގެ ތެރޭގައި މުޅި ނިޒާމް އެކުލެވިގެންވޭ. ފެނާއި ނަރުދަމާ އަދި އޭގެ އިތުރުން އެސްޓީޕީ އަދި ރެއިން ވޯޓަރ ހާވެސްޓިން ފެސިލިޓީޒްއާ އެކީގައި މިރަށުގައި މި ޤާއިމްކުރެވޭ ފެނާއި ނަރުދަމާއަކީ އުންމީދީ ދިރިއުޅުމެއް ތިބޭފުޅުންނަށް ލިބިދޭނެ ކަމެއްކަން އަޅުގަނޑު ކަށަވަރު ކުރަން." އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވިއެވެ.

މިއަހަރުގެ ޑިސެމްބަރ 31 ގެ ނިޔަލަށް މަސައްކަތް ނިންމަވާ ގޮތަށް މި މަސައްކަތް ސަރުކާރުން އެމްޑަބްލިޔުއެސްސީއާ ޙަވާލުކުރެއްވީ މިދިޔަ އަހަރުގެ މޭ މަހުގެ 11 ވަނަ ދުވަހުއެވެ. ފެނުގެ ނިޒާމްގެ ޢަމަލީ މަސައްކަތް މީގެ ދުވަސްކޮޅެއް ކުރިން އެރަށުގައި ވަނީ ފަށްޓަވާފައެވެ. ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތަށް އިޝާރާތްކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރ ޖަޢުފަރު ދާއޫދު ވިދާޅުވީ، މީގެ ކުރީގެ ރައީސުންނާއި ރައީސް ޔާމީންގެ ތަފާތަކީ ވަޢުދު ފުއްދެވުން ކަމަށެވެ.

"މިރަށުގައިވެސް ފާހަގަކޮށްލަން ބޭނުންވޭ ކުރީގެ އެމްޑީޕީ ސަރުކާރުން ވަކިން ޚާއްޞަ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން އެބަހުރި ވަރަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައި. ފާޚާނާ ހޮޅީގެ ނިޒާމް، ރަށުގެ މަގުތަކުގައި ތާރު އަޅައިދިނުންފަދަ ވަޢުދުތައްވެސް އެބަހުރި ވެވަޑައިގެންފައި. އެހެންނަމަވެސް އަޅުގަނޑުމެންގެ ރައީސުލްޖޫހިއްޔާގެ ތަފާތަކީ އެމަނިކުފާނު ވަޢުދުތައް ވެވަޑައިގަތުމުގެ ކުރިން ޢަމަލީ މަސައްކަތް މި ފަށްޓަވަނީ،" ދުވާފަރު ދާއިރާގެ މެމްބަރ ޖަޢުފަރު ދާއޫދު ވިދާޅުވިއެވެ.

ހުޅުދުއްފާރުގެ ފެނާއި ނަރުދަމާގެ މަޝްރޫޢަކީ ދިވެހި ސަރުކާރާއި އޯޕެކް ފަންޑު ފޮރ އިންޓަރނޭޝަނަލް ޑިވަޕޮލްމަންޓް "އޮފިޑް"ގެ ލޯން އެހީގެ ދަށުން ހިންގަވާ މަޝްރޫޢުއެކެވެ. މިއީ 57.2 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން 6.8 ކިލޯ މީޓަރގެ ފެން ވިއުގައެއް ޤާއިމްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި 60 ޓަނުގެ 2 ޑީސެލިނޭޝަން ޕްލާންޓާއި މި ޕްލާންޓްތަކުން އުފައްދާ ފެން ރައްކާ ކުރުމަށް 250 ޓަނުގެ ތާންގީއެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫޢުގެ ދަށުން 8.2 ކިލޯމީޓަރގެ ނަރުދަމާ ވިއުގައެއްވެސް ޤާއިމްކުރެއްވުމަށް ވަނީ ޖެހިފައެވެ.