ކުޅިވަރު

ލީގުގެ އެއްވަނަ ޗެލްސީއަށް ހައްގު - ކޮންޓޭ


ޕްރިމިއަރ ލީގް ތާވަލްގެ އެއްވަނަ ޗެލްސީއަށް ހައްގުކަމަށް އެޓީމްގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ކޮންޓޭގެ ޗެލްސީވަނީ ލީގުގައި ރޭ ވާދަވެރި އާސެނަލް ތިނެއް އެކެއްގެ ނަތީޖާއަކުން ބަލިކޮށްފައިއެވެ. މި ނަތީޖާއާއިއެކު ޗެލްސީ ލީގް ތާވަލްގެ އެއްވަނާގައި އޮތީ 9 ޕޮއިންޓްގެ ލީޑަކާއިއެކުގައެވެ.

އާސެނަލް އޮތީ ތާވަލްގެ ތިންވަނާގައެވެ. ރޭގެ މޮޅަށްފަހު ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނީ އެންމެ ފަހުން ލީގުގައި ކުޅުނު ދެ މެޗުގައިވެސް ކުޅުންތެރިން މޮޅަށް ކުޅެފިކަމަށާއި، ލީގްގެ އެއްވަނަ އެޓީމަށް ހައްގުކަމަށެވެ. އާސެނަލްއަކީ ލީގަށް ވާދަކުރާ ހަ ޓީމްގެ ތެރެއިން އެއް ޓީމްކަމަށާއި، ލީގް ކާމިޔާބުކުރަން ނިކުންނައިރު ބޮޑެތި ޓީމްތައް ބަލިކުރުމަކީ ލީގް ހޯދުމަށް ލިބޭނެ ބޮޑު ހިތްވަރެއްކަމަށްވެސް ކޮންޓޭ ބުންޏެވެ. 

"އަހަރުމެންނަށް އެއްވަނަ ހައްގު، ކުޅުންތެރިން އެވަރަށް މަސައްކަތްކުރާތަން ފެނޭ، އެއް ހަފްތާތެރޭގައި ވަރަށް ވަރުގަދަ ދެ މެޗް މި ކުޅުނީ" މެޗަށްފަހު ކޯޗް ކޮންޓޭ ބުންޏެވެ.

އާސެނަލްގެ ކޯޗް އާސެން ވެންގާ ބުނީ މެޗުން ބަލިވީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރުމުންކަމަށާއި، ޗެލްސީން ދެވަނަ ގޯލް ޖެހުމާއިއެކު އުއްމީދުގެއްލިއްޖެކަމަށެވެ. ޗެލްސީގެ ފުރަތަމަ ލަނޑަކީ ފައުލެއްކަމަށާއި، އެހެންނަމަވެސް އޭގެ މާނައަކީ ޗެލްސީއަށް މެޗުން މޮޅުވުން ހައްގުނުވުން ނޫންކަމަށްވެސް ވެންގާ ފާހަގަކުރިއެވެ.

"ޗެލްސީގެ ފުރަތަމަ ލަނޑު އެއީ ފައުލް ލަނޑެއް، އޭގެ ފަހުންވެސް އަހަރުމެން ރަނގަޅަށް ކުޅުނިން، ފުރުސަތުތައް ނިންމާނުލެވުނީމަ މައްސަލައަކީ" ވެންގާ ބުންޏެވެ.

ރޭގެ މެޗުގައި ޗެލްސީގެ ތިން ލަނޑު ޖަހައިދިނީ މާކަސް އަލޮންސޯ، އެޑެން ހަޒާޑް އަދި ސެސް ފެބްރިގާސްއެވެ. އާސެނަލްއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ އޮލިވިއޭ ޖިރޫއެވެ.