ޔޫއެފާގެ ރައީސްކަން ކުރައްވާ ބޭފުޅަކަށް ދެން އެ މަގާމުގައި އެންމެ ގިނަވެގެން ހުރެވޭނީ ބާރަ އަހަރުކަމަށް ޔޫއެފާއިން ބުނެފިއެވެ.
ޔޫއެފާގެ އެގްސެކެޓިވް ކޮމެޓީއިން މިގޮތަށް ނިންމާފައިވަކަން ޔޫއެފާއިން ހާމަކޮށްފައިވަނީ އިއްޔެއެވެ.
ޔޫއެފާގެ ރައީސުންނަށް އެ މަގާމުގައި ތިބެވޭނީ ވަކި މުއްދަތެއްވަންދެންކަމަށް ކުރިޔަކުން ކަނޑައަޅާފައެއް ނޯވެއެވެ. ކުރީގެ ޔޫއެފާގެ ރައީސެއްކަމަށްވާ ލެނާރޓް ޖޯންސެން ވަނީ ޔޫއެފާގެ ރައީސެއްގެ ގޮތުގައި ސަތާރަ އަހަރު ހޭދަކުރައްވާފައެވެ.
މިޝޭލް ޕްލެޓީނީގެ ބަދަލުގައި ޔުއެފާގެ ރައީސަކަށް އިސްވެވަޑައިގެންނެވި އެލެކްސެންޑަރ ޗެފެރިން ވަނީ ޔޫއެފާޔަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެކަމަށް ވަޢުދުވެވަޑައިގަންނަވާފައެވެ.
ނިޔޯންގައި އޮތް ނޫސްވެރިންގެ ބައްދަލްވުމެއްގައި ވާހަކަފުޅުދައްކަވަމުން ޗެފެރިން ވިދާޅުވީ މީގެ ކުރިން މަގާމުގައި ހުރެވޭނެ މުއްދަތެއް ކަނޑައަޅާފައި ނޯންނަކަމަށާ ކުރިން އޮންނަނީ މަގާމުގައި ހުންނަ މީހާގެ އުމުރަކީ 70 އަހަރައްވުރެ މަތިނުވުންކަމަށެވެ.
ޗެފެރިން ވިދާޅުވީ ދެން ޔޫއެފާގެ ރައީސްކަން ނުވަތަ އެކްސްކޯގެ މަގާމެއް ފުރުއްވާ ބޭފުޅުންނަށްވެސް ގިނަވެގެން ފުރުއްވޭނީ ހަތަރު އަހަރުގެ ތިން ދައުރުކަމަށެވެ.
ޗެފެރިން ވަނީ މި ބައްދަލްވުމުގައި ޔޫއެފާގެ ޤައުމުތަކަށް ދެހާސް ސައްބީހުގެ ވޯލްޑް ކަޕުން ސޯޅަ ޖާގަ ލިބޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.
ދެހާސް ސައްބީހުގެ ވޯލްޑްކަޕުގައި 48 ޓީމަކުން ވާދަކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.