ވިޔަފާރި

ސީ ޕްލޭންގެ ދަތުރުތައް މީހުން ދިރިއުޅޭ ރަށްރަށަށް ފަށަނީ


ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީ ޕްލޭންގެ ޚިދުމަތް ވަކި ތާވަލެއްގެ ދަށުން ޢާއްމު ރައްޔިތުންނަށް ދޭން ފެށުމަށްޓަކައި އެކަމާގުޅޭ ދިރާސާ ކުރަމުން އަންނަކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ.

މިދިރާސާކުރަނީ އެއަރޕޯޓުތަކާ ދުރު ރަށްރަށުގެ ތެރެއިން، އާބާދީގެ ގޮތުން މީހުން ގިނަ ރަށްރަށަށް ސީ ޕްލޭންގެ ދަތުރުތައް ފެށުމަށްކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަނުން 2014 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ކުޑަގޮތަކަށް ފެށި ސީ ޕްލޭންގެ ޚިދުމަތް އަންނަނީ ކާމިޔާބުކަމާއެކު ކުރިއަރަމުންނެވެ. އެގޮތުން މިހާރު އެކުންފުނީގެ ސީ ޕްލޭން ފްލީޓުގެ ޢަދަދު ވަނީ 11 އަށް އަރާފައެވެ. މިއަހަރުގެ ތެރޭގައި ސީ ޕްލޭނު ފްލީޓަށް އިތުރު ބޯޓެއް ގެންނާނެކަމަށް އެކުންފުނިން ހާމަކުރެއެވެ.

ރާއްޖޭގެ 4 ރިސޯޓަކަށް ސީ ޕްލޭންގެ ޝެޑިއުލް ދަތުރުތައް މިހާރުވެސް ކުރަމުންދާ އިރު، މިއަހަރުގެ ތެރޭގައި އިތުރު 3 ރިސޯޓަކަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. މި ޚިދުމަތް މިހާރު ދެމުން އަންނަނީ ހަމައެކަނި ރިސޯޓުތަކަށެވެ.

ޓީވީއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އޮޕަރޭޝަންސް ޢަލީ ނަޝާތު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށް މޯލްޑިވިއަންގެ ސީ ޕްލޭން ދަތުރުތައް ފެށުމަށް އެކަމާގުޅޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ކުންފުނީގެ މެނޭޖްމަންޓް ލެވަލްގައިވެސް އެކަމާގުޅޭ މަޝްވަރާތައް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަނުން ވަނީ ސީ ޕްލޭންގައި ސްޓްރެޗަރގައި ބަލި މީހުން އުފުލޭނެ އިންތިޒާމްވެސް ދާދި ފަހުން ހަމަޖައްސާފައެވެ. މިއާއެކުވެސް އާއްމު ރައްޔިތުންނަށް ލުއިފަސޭހަ ލިބިގެންދާނެ ކަމަށް އެކުންފުނިން ދެކެއެވެ.