ވިޔަފާރި

އެޖެންސީތަކުން އިތުރު ފީތަކެއް ނަގާކަމުގެ ޝަކުވާ ދަނީ ލިބެމުން


މާލޭ ވިޔަފާރި ބަނދަރަށް މުދާ ގެންނަ ފަރާތްތަކުން ފޯވާރޑިން އެޖެންސީތަކާއި ޝިޕިންލައިންތަކަށް ދައްކަންނުޖެހޭ ފީތަކެއް، އަތުލަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް އެމްޕީއެލުން ބުނެފިއެވެ.

އެމްޕީއެލުން މިއަދު ނެރުނު ބަޔާނެ ބުނެފައިވަނީ މުދަލުގެ ފްރައިޓް ނެގުމަށްފަހު ސްޓީވެޑޯރިންގ ޗާރޖަސްގެ ގޮތުގައިވެސް ބައެއް ފަރާތްތަކުން އިތުރަށް ފައިސާ ނަގަމުންދާކަމުގެ ޝަކުވާ އެކުންފުންޏަށް ލިބެމުންދާ ކަމަށެވެ.

ކަނޑުމަގުން ރާއްޖެ އެތެރެކުރާ މުދަލުން ޝިޕިން އެޖެންޓުން އެކި ނަންނަމުގައި ޗާރޖުތައް ނެގުމަކީ އާއްމު ރައްޔިތުންނާ ހަމައަށް މުދާ ފޯރާއިރު އެ މުދަލުގެ އަގު ބޮޑުވެގެންދާނެ ކަމެއްކަމުގައި އެމްޕީއެލުން ފާހަގަކުރެއެވެ. އެހެންކަމުން ކުންފުނިން ނަގަމުން ނުދާ ފީތައް އެއީ އެކުންފުނިން ނަގާ ފީތަކެއްގެ ގޮތުގައި ކަސްޓަމަރުންނަށް ތަޞައްވަރު ކުރެވޭފަދަ ނަންނަމުގައި ނުނެގުމަށް އެމްޕީއެލުން ވަނީ އެދިފައިވެއެވެ.  

އެމްޕީއެލުން ބުނީ އެކުންފުނީގެ މަސައްކަތްތައް އެތައް ގުނައެއް ހަލުއިވެ ކަނޑުމަގުން އެތެރެކުރާ މުދާ ބާލައި އަދި ކްލިއަރކުރުމަށް ދީމާވި އުދަގޫތައް މުޅިން ޙައްލުކުރެވިފައިވުމުން، ބޯޓު ފަހަރު އޮޕަރޭޓުކުރާ ފަރާތްތަކުގެ އޮޕަރޭޓިންގ ކޯސްޓް ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖެ އެތެރެކުރާ މުދަލުގެ ފްރައިޓާއި އެހެނިހެން ޗާރޖުތަކަށް ހެޔޮ ބަދަލެއް ޝިޕް އޮޕަރޭޓަރުން ގެންނަންވާނެ ކަމަށާއި ޕޯޓް ކޮންޖެޝަން ޗާރޖުގެ ގޮތުގައި ޝިޕިން އެޖެންސީތަކަށް ނަގަމުންދާ ފީތައް ނަގަންޖެހޭ ސަބަބެއް މިހާރު ނެތުމާއެކު، އެ ފީތައް ނެގުން ހުއްޓާލުމަށްވެސް އެމްޕީއެލުން ވަނީ ގޮވާލާފައެވެ.