ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ބަޖެޓް ހޯދުމަށް ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މަޖިލީހުގެ އިންތިޚާބަށް ފަންސަވީސް މިލިއަން ރުފިޔާއާއި ހަތާވީސް މިލިއަނާއި ދެމެދުގެ އަދަދެއް ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބަޖެޓް ހަމަނުޖެހޭތީ ދަތިތައް ދިމާވަމުންދާ ކަމަށާއި އެކޮމިޝަނަށް ޚިދުމަތް ދިނުމަށް ބައެއް ފަރާތްތަކުން ދެކޮޅުހަދަމުންދާ ކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލީހުގެ އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިޥާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހުޅުވާލާފައެވެ. އަދި މިއިންތިޚާބުގައި ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓްލުމަށް ރީ ރަޖިސްޓްރީކުރުމުގެ ފުރުސަތު އަންނަ ހަފްތާގެ އަންގާރަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.