ސިއްހަތު

ކުރިން އަޅާނުލެވި ހުރި ދާއިރާތައް ދަނީ ތަރައްޤީވަމުން - މިނިސްޓަރ


ޞިއްޙީ ނިޒާމުގައި ކުރިން އަޅާނުލެވި ހުރި ހުރިހާ ދާއިރާއަކަށް މި ސަރުކާރުން ސަމާލުކަން ދެއްވައި ތަރައްޤީކުރައްވަމުން ގެންދަވާ ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ހެލްތު މިނިސްޓަރ މިހެން ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާގެ ޚިދުމަތް ލިބިދިނުމުގެ އައު ޕޯޓަލް "ވިނަވި" މިއަދު އިފްތިތާޙުކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންމެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ، ރާއްޖެއިން ބޭރަށް އެކިކަންކަމުގައި ފަރުވާހޯދަން ދާންޖެހޭ ބަލިމީހުންގެ ނިސްބަތް މަދުކުރެއްވުމަކީ ޞިއްޙީ ދާއިރާގެ އަމާޒެއްކަމަށެވެ. ޞިއްޙީ ނިޒާމުގައި ކުރިން އަޅާނުލެވި ހުރި ހުރިހާ ދާއިރާއަކަށް މި ސަރުކާރުން ސަމާލުކަން ދެއްވާ ތަރައްޤީކުރައްވަމުން ގެންދަވާކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ. 

ހެލްތް މިނިސްޓަރ ވިދާޅުވީ މީގެ ކުރިން ރާއްޖެއިން ފަރުވާ ނުލިބޭ ބޮޑެތި ބަލިތަކަށް ރައްޔިތުންގެ އިތުބާރާއެކު ރާއްޖޭގައި ފަރުވާދެމުން އަންނަކަމަށެވެ. އެގޮތުން އައިޖީއެމްއެޗުން މިހާރު ހިތުގެ ބަލިތަކަށް ފަރުވާދެއްވަމުން ގެންދަވާކަމަށާއި ޑައިލިސިސްގެ ޚިދުމަތްވެސް ކާމިޔާބުކަމާއެކު ދެއްވަމުން އަންނަކަން ފާހަގަކުރެއްވިއެވެ. 

ސަރުކާރުން މަސައްކަތްކުރައްވަނީ ރައްޔިތުންގެ އިތުބާރު އޮތް ޞިއްޙީ ނިޒާމެއް ޤާއިމްކުރެއްވުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ނިޒާމް ހަރުދަނާކުރައްވަން ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރައްވަމުން ގެންދަވާކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ހަދާ 25 ބުރީގެ ޢިމާރާތަކީ ޞިއްޙީ ދާއިރާއަށް އިންޤިލާބެއް ގެނުވާނެ ޕްރޮޖެކްޓެއްގެ ގޮތުގައި ހެލްތް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މި ޢިމާރާތުގެ ޚިދުމަތް ދެއްވަން ފެއްޓެވުމާއެކު ފެންވަރު ރަނގަޅު ޞިއްޙީ ނިޒާމެއް ޤާއިމްކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ބޮޑު ކާމިޔާބީއެއް ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ވަކި ދާއިރާއެއް ބެލުމެއް ނެތި ސަރުކާރުން ގެންދަވަނީ މުޅި ރާއްޖެ ތަރައްޤީކުރައްވަން މަސައްކަތް ކުރައްވަމުންކަމުގައި ހެލްތް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.