ވިޔަފާރި

އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް 226 މިލިއަން ރުފިޔާ


އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ހުސްވި ޖެނުއަރީމަހު, ދައުލަތަށް 226 މިލިއަން ރުފިޔާގެ ޢާމްދަނީ ލިބިއްޖެއެވެ. 

މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު %25 އިތުރު މިންވަރެކެވެ. 

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ޢާއްމުކުރައްވާފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 2.4 ބިލިއަން ރުފިޔާގެ މުދަލެވެ. މިއަހަރުގެ ޖެނުއަރީމަހު މި ޢަދަދު ވަނީ 3.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.           

ފާއިތުވެދިޔަ ޖެނުއަރީމަހު ރާއްޖެއަށް އިމްޕޯޓްކުރެވުނު މުދަލުގެ އަގު ވަނީ މިދިޔަ އަހަރުގެ ޖެނުއަރީމަހާ އަޅާބަލާއިރު %36 އިތުރުވެފައެވެ. 

އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން %18  ޔުނައިޓެޑް ޢަރަބް އެމިރޭޓްސްއިން އިމްޕޯޓްކޮށްފައިވާއިރު، %13  ސިންގަޕޫރުން އަދި %11  އެތެރެކޮށްފައިވަނީ އިންޑިޔާއިންނެވެ.

ފާއިތުވެދިޔަ ޖެނުއަރީމަހު ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު، މިދިޔަ އަހަރުގެ ޖެނުއަރީމަހާ އަޅާބަލާއިރު ވަނީ %137  އިތުރުވެފައެވެ.  2016 ވަނަ އަހަރުގެ ޖެނުއަރީ މަހު 265 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު 2017 ވަނައަހަރުގެ ޖެނުއަރީމަހު މި ޢަދަދު ވަނީ 633 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށްވާއިރު މިދިޔަ ޖެނުއަރީމަހު އެކްސްޕޯޓްކުރި މަހުގެ ބާވަތްތަކުގެ %69  އެކްސްޕޯޓްކޮށްފައި ވަނީ ތައިލެންޑަށެވެ.