ޚަބަރު

"ހީވާގި ކަނބަލުން '' މަޢުރަޒު ރަސްމީގޮތުން ފަށްޓަވައިފި


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ އިސްނެންގެވުމުގެ މަތިން ބާއްވަވާ "ހީވާގި ކަނބަލުން '' މަޢުރަޒު ރަސްމީގޮތުން ފަށްޓަވައިފިއެވެ.

އަންހެނުން ކުރާ މަސައްކަތްތައް ދައްކާލުމަށް ބާއްވަވާ މިމަޢުރަޒު ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިރޭ ދަރުބާރުގޭގައެވެ. މަޢުރަޒު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ.

މިރޭ މި މަޢުރަޒުން ވަނަވަނައަށް އައި ކަނބަލުން ފާހަގަކުރައްވައި އެކަނބަލުންނަށް އިނާމުދެއްވާފައިވެއެވެ. މުޅި މަޢުރަޒުން އެއްވަނަށް ދިޔައީ ގ.ލެވިނަ އަމްސޫދާ ރަޝީދެވެ. މުޅި މަޢުރަޒުން ދެވަނައަށް އަދި ތިންވަނައަށް ދިޔައީ މ.ހައިވަކަރުގޭ ފާޠިމަތު ލީނާ ޢަލީއެވެ.

މީގެ އިތުރުން އަތޮޅުތަކުގެ އެކި ދާއިރާތަކުން ވަނަވަނައަށްއައި ކަނބަލުންނަށްވެސް މިރޭ އިނާމު ދެއްވާފައިވެއެވެ.

img:http://s2.psmnews.mv/images/660x400/14878707971551.jpg|"ހީވާގި ކަނބަލުން '' މައުރަޒުން ވަނަވަނައަށް އައި ބައެއް ކަނބަލުންނަށް ރައީސްގެ އަނބިކަނބަލުން އިނާމުދެއްވަނީ - ފޮޓޯ: ޕީއެސްއެމް

"ހީވާގި ކަނބަލުން '' މަޢުރަޒު ރަސްމީކޮށް އިފްތިތާޙުކުރެއްވުމަށް މިރޭ ބޭއްވި ރަސްމިޔާތުގައި ހަތްހާހަށްވުރެ ގިނަ އަންހެން ކަނބަލުން ބައިވެރިވެފައިވެއެވެ.

އަންހެން ކަނބަލުންގެ ހުނަރުވެރިކަމާއި މަސައްކަތްތެރިކަން އެއްތަނަކުން ދައްކުވައިދިނުމުގެ ގޮތުން ބާއްވަވާ މިމައުރަޒު ޢާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

މައުރަޒު ހުޅުވާފައި ހުންނާނީ މާދަމާ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ. އަދި ރޭގަނޑު 8:00 އިން 12:00 އަށެވެ. މީގެއިތުރުން ހޮނިހިރު ދުވަހާއި، އާދިއްތަ ދުވަހު ފަތުރުވެރިންނަށް ޚާއްސަކޮށްގެން ސަޤާފީ ޙަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މަޢުރަޒު އިންތިޒާމުކުރާ ކޮމިޓީން ވިދާޅުވެއެވެ. މާދަމާއިން ފެށިގެން މިމަހުގެ 27 ގެ ނިޔަލަށް މި މަޢުރަޒު ކުރިއަށްދާނެއެވެ.

"ހީވާގި ކަނބަލުން" މަޢުރަޒުގައި ތަކެތި ބައިވެރިކޮށްފައިވާ ބައެއް ދާއިރާތަކުގެ ތެރޭގައި، ލިޔެލާޖެހުމުގެ މަސައްކަތްތަކާއި، ހެދުން ފެހުމާއި، ޑިޒައިނިންގއާއި، ކޭކް އެޅުމާއި، މިނޫންވެސް ތަފާތު މަސައްކަތްތައް ހިމެނެއެވެ. މިއީ ރާއްޖޭގެ އަންހެން ކަނބަލުންނަށް ޚާއްސަކޮށްގެން މިހާ ފުޅާދާއިރާއެއްގައި ބާއްވާ މިފަދަ ފުރަތަމަ މަޢުރަޒެވެ.