ޚަބަރު

ދިވެހިރާއްޖެ ހަޟާރާތެއްގެ ގޮތުގައި ހުށަހަޅައިދޭންޖެހޭ- ޑރ.ޝަހީމް


ދިވެހިބަސް މުއްސަނދި ކުރަން ބޭނުންނަމަ، ޢިލްމު ދިވެހި ބަހަށް ތަރުޖަމާ ކުރަންޖެހޭކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވާހަކަދެއްކުމުގެ ބައްތިރީސްވަނަ ޤައުމީ މުބާރާތް ފަށްޓަވައިދެއްވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އެކި ބަސްބަހުން ލިޔެފައިހުރި ފޮތްތައް ދިވެހިބަހަށް ތަރުޖަމާ ކުރުމަކީ ދިވެހިބަސް މުއްސަނދި ވެގެންދާނެކަމެއްކަމަށެވެ. އަދި ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުން ކަންތައްކޮށްފައިވަނީ އަދި ކުރަމުންދަނީވެސް މިއުޞޫލުންކަން ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.

"އެކިއެކި ދާއިރާއިން ލިޔެފައިހުރި ފޮތްތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމުން ދިވެހިބަސް ވަރަށްބޮޑަށް މުއްސަނދިވެގެންދާނެ. ކިތައް ދާއިރާގެ ފޮތްތައްތޯ ދިވެހިބަހުގެ ތެރެއަށް ވަދެފަހުރީ. ނެތް ދިވެހިބަހުގެ ތެރެއަށް ވަދެފަ ފޮތްތަކެއް. ބޭސްވެރިކަމުގެ ކިތައް ފޮތްތޯ. ކެމިސްޓްރީ، ފިޒިކްސް ކިތައް ފޮތްތޯ ދިވެހިބަހުން އޮތީ. ދިވެހި ބަހުން ނެތް. އެކަމަކު ބައްލަވާ ޖަޕާނުގައި އެމީހުންނަށް ތަރުޖަމާ ކުރުމަށްއޮންނަ ބަޖެޓް ޢަރަބި ތިން ޤައުމުގެ ތަޢުލީމާބެހޭ ވުޒާރާގެ ބަޖެޓަށްވުރެ ބޮޑު" ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ، ދިވެހިން އާދަޔާ ޚިލާފު ހަޟާރާތެއް މިޤައުމުގައި ޤާއިމްކޮށްފައިވާކަމަށާއި، ދިވެހިރާއްޖެ ހަޟާރާތެއްގެ ގޮތުގައި ހުށަހަޅައިދޭންޖެހޭކަމަށެވެ. އަދި ދިވެހި ހަޟާރާތަކީ ވަރަށް މުއްސަނދި ހަޟާރާތެއްކަމަށް އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ވިދާޅުވިއެވެ.

"މިއީ ދިވެހި  ސިވިލައިޒޭޝަން. މިއީ ދިވެހި ހަޟާރަތު. މިއީ ހަމަ އައްބާސީ ދަޢުލަތުގެ ވާހަކަދައްކާހެން ޢުމަވީ ދަޢުލަތުގެ ވާހަކަދައްކާހެން ހަމަ ދައްކަންޖެހޭ ވާހަކަ. ދިވެހިން މި ބިނާކުރި ހަޟާރާތް އިސްލާމީ ގޮތުން ބަލަންވެސް އެހެން އިސްލާމީ ޢަރަބި ޤައުމުތަކުގެ ސަޤާފަތްތަކާއި ޤައުމުތަކާވެސް ވަރަށް ތަފާތު ވަރަށް ޚާއްޞަ ސިފަތަކެއް ލިބިގެންވާ ހަޟާރާތެއް ދިވެހި ހަޟާރަތަކީ. އަންހެނުންނާއި ފިރިހެނުން އެކުއެކީގައި މިޤައުމު ބިނާކުރީ. މަސައްކަތްތެރި އަމިއްލަވަންތަ އެއާއެކީގައި އަމިއްލަ ދީންވެސް ހިފަހައްޓާ، އިސްތިޢުމާރުތަކާއި، ކުރިމަތިލާ ނަޞްރުހޯދާ މި ހުރިހާ ކަމެއްގެ ކާމިޔާބު ހޯދާފައިވާ ހަޟާރާތެއް ދިވެހި ހަޟާރަތަކީ." ޑރ. ޝަހީމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދަކައްވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ، ވާހަކަދެއްކުމުގެ ޤައުމީ މުބާރާތަކީ ނަތީޖާ ނެރެދޭ ކާމިޔާބު މުބާރާތެއްކަމަށެވެ. އަދި އަހަރުން އަހަރަށް މިމުބާރާތުގައި ބައިވެރިވާ ކުދިންގެ އަދަދު އިތުރުވުމަކީ ދިވެހިބަސް ކުރިއަރާކަމުގެ ހެތްކެއްކަމަށް އަޝްރަފް ވިދާޅުވިއެވެ.

"ވާހަކަދެއްކުންތެރިކަމުގެ ދާއިރާ މިދަނީ ތަރައްޤީވަމުން. މިކަމަށް އެދޭ ކުދިންގެ އަދަދު ވަރަށް ބޮޑަށް މިދަނީ ގިނަވަމުން. މިއިން އަޅުގަނޑުމެންނަށް އިނގެނީ އަޅުގަނޑުމެންނަށް ކަށަވަރު އެބަވޭ ދިވެހިބަހުގެ ވެށި އޭގެ ހާލަތު ރަނގަޅު ވަމުން އަންނަކަން". އަޝްރަފް ވިދާޅުވިއެވެ.

ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގައި މިއަހަރު ރާއްޖޭގެ 22 ސްކޫލަކުން 299 ކުދިން ބައިވެރިވެއެވެ. މިދިޔަ އަހަރު މިމުބާރާތުގައި ބައިވެރިވީ 18 ސްކޫލަކުން 108 ކުދިންނެވެ. މި މުބާރާތް މިމަހުގެ އަށާރަވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.