ތަރައްްޤީ

"ތަރިކަ" އަށް އެއްބާރުލުން ދިނުމަށް ރައީސް އިލްތިމާސްކުރައްވައިފި


ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި، ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޝްރޫޢު "ތަރިކަ" އަށް އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަންހާމަކުރައްވާފައިވާއިރު، މި މަޝްރޫޢުގެ ކަންކަން ހިންގެވުމަށްޓަކައި، އިދާރީ ކޮމިޓީއަކާއި ފަންނީ ކޮމިޓީއެއްވެސް ވަނީ އުފައްދަވާފައެވެ. 

"ތަރިކަ" މަޝްރޫޢުގެ މަސައްކަތްތައް ރާއްވަވާނީ، ފަންނީ ކޮމިޓީންކަމަށާއި، ފަންނީ ކޮމިޓީން އަންގަވާ ކަންތައްތައް ހިންގެވުމުގައި، ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި ކުންފުނިތަކުން އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވާކަމަށް ރައީސްއޮފީހުން ހާމަކުރައްވާފައިވެއެވެ. އަދި، އެތަންތަނުން ކުރިއަށް ރާއްވަވާ ކަންތައްތަކުގެ ތެރެއިން މި މަޝްރޫޢާ ގުޅުވައިލެއްވޭނެ ކަންތައްތައް، މި މަޝްރޫޢާ ގުޅުވައިލައްވައިގެން ކުރައްވަމުން ގެންދެވުމަށާއި، މި މަޝްރޫޢުގެ އިދާރީ ކޮމިޓީން އެދިވަޑައިގަންނަވާ ކަންކަމުގައިވެސް އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވާކަމަށް ރައީސް އޮފީހުން ހާމަކުރައްވައެވެ.

ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި، ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޝްރޫޢު "ތަރިކަ" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިފްތިތާޙު ކުރެއްވީ މިމަހުގެ 6 ވަނަ ދުވަހުއެވެ.