ޚަބަރު

އެންމެގިނައިން ހުށަހެޅުނީ ކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަ


މިއަހަރުގެ ޖެނުއަރީމަހު ޖެންޑަރ މިނިސްޓްރީއަށް އެންމެ ގިނައިން ހުށައެޅިފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީއިން އާންމުކުރި ތަފާސް ހިސާބުތަކުގައި ވާގޮތުން މިއަހަރުގެ ޖެނުއަރީމަހު އެމިނިސްޓްރީއަށް 256 މައްސަލައެއް ހުށައެޅިފައިވާކަމަށެވެ. މި މައްސަލަތަކުގެ ތެރޭގައި ހިމެނޭ، ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށައަޅާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކެވެ. މިގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން 34 މައްސަލައެއް ހުށައެޅިފައިވެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޖިންސާމާނީ އަނިޔާކޮށްގެން އަށާވީސް މައްސަލަ ހުށައެޅިފައިވާކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އަންހެނުންނާ ގުޅުންހުރި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށައަޅާފައިވަނީ ޖިސްމާނީ އަނިޔާތަކުގެ މައްސަލައެވެ. އެގޮތުން މިބާވަތުގެ ސޯޅަ މައްސަލައެއް ހުށައަޅާފައިވެއެވެ. އަންހެނުންނާ ގުޅުންހުރި މައްސަލަތަކުގެ ތެރެއިން، ނަފްސާނީ ގޮތުން ގެއްލުންދިނުމުގެ ހަތް މައްސަލައެއް ހުށައަޅާފައިވާއިރު، ޖިންސީ އަނިޔާގެ ދެމައްސަލައަކާއި، ރޭޕް ކުރުމުގެ ދެ މައްސަލަވެސް އެ މިނިސްޓްރީއަށް ހުށައަޅާފައިވެއެވެ.

ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވައި މިފަދަ އިޖްތިމާޢީ މައްސަލަތަކަށް އާންމުން ހޭލުންތެރިކުރުވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންމެވެ. އެގޮތުން ކުޑަކުދިންނާ ގުޅޭ މައްސަލަތައް ކަންބޮޑުވާ މިންވަރަށް ރާއްޖޭގައި ހުރިކަން ފާހަގަކުރައްވާ މިފަދަ މައްސަލަތައް ހައްލުކުރެއްވުމަށް ކަމާ ގުޅޭ ހުރިހާ ދާއިރާތަކެއް ގުޅިވަޑައިގެން ވަރުގަދަ ޤައުމީ ކެމްޕެއިނެއް ވަރަށް އަވަހަށް ފަށްޓަވާނެކަމަށްވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.