ޓުއަރިޒަމް

ޗައިނާގައި ބާއްވާ ކޮޓުމް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ


ޗައިނާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރތަކުގެ ތެރޭގައި ހިމެނޭ "ޗައިނާ އައުޓްބައުންޑް ޓްރެވަލް އެންޑް ޓޫރިޒަމް މަރކެޓް" ކޮޓުމް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ޗައިނާގެ ވެރިރަށް ބެއިޖިންގައި ކުރިއަށްދާ މިފެއަރގައި މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީއާ އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ އަށާރަ ކުންފުންޏަކުން ތިރީސް ހަތް ފަރާތެއް ބައިވެރިވެފައިވެއެވެ.

"ޗައިނާ އައުޓްބައުންޑް ޓްރެވަލް އެންޑް ޓޫރިޒަމް މަރކެޓް"، ކޮޓުމް ފެއަރގެ ރާއްޖޭގެ ސްޓޭންޑުގައި ޚާއްސަ ޙަރަކާތްތަކެއް ކުރިއަށްގެންދިޔުމަށްވަނީ ރާވާފައެވެ. އެގޮތުން ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހި ބަހުން ނަން ލިޔެދިނުމާއި، ވަރޗުއަލް ރިއަލިޓީ ހެޑްސެޓެއް ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ބަލާލުމުގެ ފުރުސަތު ދިނުން ހިމެނެއެވެ. މީގެއިތުރުން ސްޓޭންޑުގައި ބަހައްޓާފައިވާ ފޮޓޯ ބޫތުގައި ހުރެ ފޮޓޯއެއް ނެގުމަށްފަހު ސޯޝަލް މީޑިއާގައި ޝެއަރކޮށްގެން އިނާމެއް ހޯދުމުގެ ހަރަކާތެއްވެސް އެމްއެމްޕީއާރުސީން އަންނަނީ ރާއްޖޭގެ ސްޓޭންޑުގައި ކުރިއަށްގެންދެއެވެ.

މި ފެއަރގައި ރާއްޖެއިން ބައިވެރިވެފައިވާ ވަފުދުން ޗައިނާގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާ ބައްދަލުކޮށް، ކުރިއަށްއޮތްތާގައި ރާއްޖޭގެ ފަތުރުވެރިކަން އެޤައުމުގައި އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. މިދިޔަ އަހަރުގެ ކޮޓުމް ފެއަރގައި 65 ޤައުމުން 400 ގިނަ އެގްޒިބިޓަރުން ބައިވެރިވެފައިވެއެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ %25 ހިއްސާކުރަނީ ޗައިނާއިން. ހުސްވި އަހަރު ޗައިނާއިން 324.000 ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އެހެންކަމުން ޗައިނާގައި ރާއްޖެ އިތުރަށް އިސްތިހާރުކޮށް، އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރައްވަމުންނެވެ.