ވިޔަފާރި

ފިނޭންސް މިނިސްޓްރީން ހޮޓްލައިނެއް ތަޢާރަފްކޮށްފި


ފިނޭންސް މިނިސްޓްރީން ދެއްވަމުންގެންދަވާ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް މިހާރަށްވުރެ ލުއި ފަސޭހަ ގޮތެއްގައި، އެކަންކަމުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި، ހޮޓްލައިނެއް ތަޢާރަފްކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ހޮޓްލައިންގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވީ، ފިނޭންސް މިނިސްޓްރީއަށް 22 އަހަރު ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށްވާ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ފާތިމަތު ރައީފާއެވެ.

1617 މިނަމުގައި، ފިނޭންސް މިނިސްޓްރީން ތަޢާރަފްކުރެއްވި ހޮޓްލައިންގެ ޚިދުމަތާއެކު އެމިނިސްޓްރީން ޚިދުމަތް ހޯއްދާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފަސޭހައިން ލިބިގެންދިއުމާއި، ކަންކަން ރަނގަޅުކުރުމަށް ބޭނުންވާ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައެވެ.

img:http://s4.psmnews.mv/images/660x400/14908610333006.jpg|ފިނޭންސް މިނިސްޓްރީގެ ހޮޓްލައިން ތަޢާރަފްކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ މުނައްވަރު އަދި މިނިސްޓްރީގެ އިސްވެރިން / ފޮޓޯ: ޕީއެސްއެމް

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓަރު އަޙުމަދު މުނައްވަރު ވިދާޅުވީ މި ޚިދުމަތާއެކު އެ މިނިސްޓްރީން ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށްގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މިއަހަރު ނިމުމުގެ ކުރިން މި ޙިދުމަތް އިތުރަށް ތަރައްޤީކޮށް، ފެންވަރު ރަގަޅުކުރުމަށް ރާވާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މިއީ އަދި ފުރަތަމަ ބޮޅު، ވަރަށް އަވަހަށް އަންނާނެ މެސެޖިން ސިސްޓަމްވެސް އެއަށްފަހު އަހަރު ނިމުމުގެ ކުރިން މި ސިސްޓަމް އެއްކޮށް ފުލީ އެފިޝަންޓު ސިސްޓަމަކަށް ޤާއިމްކުރެވިގެންދާނެ" މިނިސްޓަރ މުނައްވަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފިނޭންސް މިނިސްޓްރީއަށް އެންމެ ގިނަ ކޯލް އަންނަނީ ޕޭމަންޓުތަކާއި ގުޅޭގޮތުން ކަމަށެވެ. ކުރިމަގުގައި ޕޭމަންޓުތަކާއި ގުޅޭ މައުލޫމާތު އާއްމުންނަށް ފަސޭހައިން ދެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ފިނޭންސް މިނިސްޓްރީގެ ހޮޓްލައިނުން ލިބޭ ޚިދުމަތުގެ ތެރޭގައި ދައުލަތުގެ ބަޖެޓާއި ގުޅުން ހުރި މައުލޫމާތާއި، ޕޭމަންޓާއި ގުޅޭ މަޢުލޫމާތުގެ އިތުރުން ބިޑްތަކާއި ގުޅޭ މައުލޫމާތު ހިމެނެއެވެ.

ހޮޓްލައިންގެ ޚިދުމަތް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު އަށަކުން މެންދުރުފަހު ދޭއް ޖެހުމާއި ހަމައަށް ލިބެން ހުންނާނެކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.