މާލެ އަތޮޅު ބޮލިފުށީގައި ތަރައްޤީކޮށްފައިވާ ޖުމެއިރާ ވިޓަވެލި ރިސޯޓުގައި އަށްޑިހަ ފަސް ވިލާ ހުރެއެވެ. 2011 ވަނަ އަހަރު ހުޅުވާފައިވާ މި ރިސޯޓުން ދެމުންއަންނަ ޙިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި މިހާރު ވަނީ ފަސް ކޮޓަރީގެ ރޯޔަލް ރެސިޑެންސެއް ހުޅުވާފައެވެ. މިއާއެކު މި ރިސޯޓަށް މިވަނީ އިތުރު ފުރިހަމަކަމެއް ލިބިފައެވެ.
ޖުމެއިރާ ވިޓަވެލި ރިސޯޓްގެ ރޯޔަލް ރެސިޑެންސް، ހުޅުއްވައިދެއްވީ އެ ރިސޯޓުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދެވެ.
ތިންހާސް ފަސްސަތޭކަ އަކަފޫޓުގެ ސަރަހައްދެއްގައި ތަރައްޤީކޮށްފައިވާ މި ރޯޔަލް ރެސިޑެންސްގައި ޕްރައިވެޓް ބީޗެއް އޮވެއެވެ. ދެ ސްވިމިންގ ޕޫލާއި ރެސްޓޯރެންޓަކާއި، ބާއަކާއި ސްޕާއެއްގެ އިތުރުން ޖިމްއެއް ހިމެނޭ މިތަނަށް އައުމަށް ޚާއްޞަ ޕްރައިވެޓް ޖެޓީއެއްވެސް އޮވެއެވެ. ޖުމެއިރާ ވިޓަވެލި ރިސޯޓްގ ރޯޔަލް ރެސިޑެންސް ހުޅުވައިދެއްވުމަށްފަހު ނާއިބު ރައީސް ޢަބްދުﷲ ޖިހާދު ވަނީ ރޯޔަލް ރެސިޑެންސް ބައްލަވާލައްވާފައެވެ.
ރޯޔަލް ރެސިޑެންސްއާ ގުޅޭގޮތުން ޕީއެސްއެމަށް މައުލޫމާތުދެއްވަމުން ޖުމައިރާ ވިޓަވެލި ރިސޯޓުގެ ޖެނެރަލް މެނޭޖަރ އަމިތު މަޖުމްދާރު ވިދާޅުވީ، މިފަދަ ތަނެއް އެ ރިސޯޓުގައި ތަރައްޤީކުރުމަށް ނިންމީ، މިއީ ރާއްޖޭގައި މިހާރު ފުޅާވަމުން އަންނަ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުން ޖެހިފައިވާ ކަމެއް ކަމަށް ފެންނާތީ ކަމަށެވެ. އަދި ރާއްޖެއަށް މުޅި އާއިލާއާއެކީ ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިން ގިނަ ކަމަށާއި، ރައްޓެހިން ގުރޫޕް ހަދާފައިވެސް ރާއްޖެއަށް އަންނަ ކަމަށެވެ. އަދި އެތަން ތަރައްޤީކޮށްފައިވަނީ އެފަދަ ފަރާތްތަކަށް އަމާޒްކޮށްގެން ކަމަށް އަމިތު ވިދާޅުވިއެވެ.
ޖުމެއިރާ ވިޓަވެލި ރިސޯޓްގެ ރޯޔަލް ރެސިޑެންސް ހުޅުވުމަށް ބޭއްވި ހަފްލާފައި ލައިވް މިއުޒިކާއި، މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބާއްވާފައިވެއެވެ. މި ހަފްލާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަރާތަކުން ބައިވެރިވިވެފައިވެއެވެ.