ޚަބަރު

ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުން ފަސްކޮށްފި


ވާހަކަ ދެއްކުމުގެ ބައްތިރީސްވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުން މިމަހުގެ އެގާރަވަނަ ދުވަހަށް ފަސްކުރައްވައިފިއެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ބާއްވަވާގޮތަށް ކުރިން ހަމަޖައްސަވާފައި އޮތީ މިމަހުގެ ހަވަނަ ދުވަހުގެ ރޭގައެވެ.

މިދިޔަ މަހުގެ ހަޔަކުން އަށާރަވަނަ ދުވަހުގެ ނިޔަލަށް އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައި ކުރިއަށްދިޔަ މި މުބާރާތުގައި މާލެއާއި އަތޮޅުތަކުގެ 22 ސްކޫލަކުން 299 ދަރިވަރުން ބައިވެރިވެފައިވެއެވެ. މިފަހަރުގެ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތަކީ މިހާތަނަށް އެންމެ ގިނަ ދަރިވަރުން ބައިވެރިވި މުބާރާތް ކަމަށް ދިވެހިބަހުގެ އެކަޑަމީން ވިދާޅުވެއެވެ. މިދިޔަ އަހަރު މި މުބާރާތުގައި ބައިވެރިވެފައިވަނީ 18 ސްކޫލަކުން 108 ދަރިވަރުންނެވެ.

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތައްޓަށް ބާއްވަވާ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް ކުރިއަށްގެންދަވަނީ ދިވެހިބަހުގެ އެކަޑަމީއާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެންނެވެ.