ޚަބަރު

"އިދިކޮޅު ފަރާތްތަކުގެ ވާހަކަތަކުން އިސްލާޙުގެ ލަފުޒެއްވެސް ނީވޭ"


އިސްލާޙުގެ ނަމުގައި މިއަދު ވާހަކަދައްކާ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ވާހަކަތަކުން އިސްލާޙޫގެ ލަފުޒެއްގެ އަޑުވެސް އިވިވަޑައި ނުގަންނަވާކަމަށާ، ފެއްސާއި ރަތާއި ހުދު ރަމްޒުވާފަދަ އެއްވެސް ވާހަކައެއް އެފަރާތްތަކުން ނުދައްކާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕާޓީ ޕީޕީއެމްއާ ގިނަ ޢަދަދެއްގެ ބަޔަކު އަލަށް ގުޅުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން، ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޤައުމުގެ އިސްލާޙަށް މަސައްކަތްކުރާނަމަ އެމަނިކުފާނު އެކަމަށް މަރުޙަބާ ވިދާޅުވާނެކަމަށެވެ. އަދި އެފަދަ އިސްލާޙީ ކޮންމެމަސައްކަތަކަށް ސަރުކާރުގެ ފަރާތުން ދެއްވެން އޮތް ކޮންމެ އެއްބާރުލެއްވުމެއް ދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫނާއި، ކުރީގެ ރައީސް ނަޝީދާ ގުޅިވަޑައިގެން އިދިކޮޅު ބައެއް ބޭފުޅުންނާ ގުޅިވަޑައިގެން ހިންގަވާ ސިޔާސީ ޙަރަކާތްތަކާއި، އެބޭފުޅުން ދައްކަވާފައިވާ ބައެއް ވާހަކަފުޅުތަކަށް ރައީސްވަނީ މިރޭ ރައްދުދެއްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ޕީޕީއެމް ވެރިކަމަށްއައީ، އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތާ ޚިލާފު އެއްވެސް ފިކުރަކަށް، އެއްވެސް ކަމަކަށް ޖާގަނުދިނުމަށް ވަޢުދުވަމުންކަމަށެވެ. ޕީޕީއެމްއާ ދިވެހިރައްޔިތުން ރާއްޖޭގެ ވެރިކަން ޙަވާލުކުރީ އެހެންވެކަމަށާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމްއަށް ކާމިޔާބު ލިބުނީވެސް އެހެންވެގެންކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް ބައެއްބޭފުޅުން މިއަދު އެކަން ހަނދުމަފުޅުނެތްކަމަށާ، މިއީ ވިސްނާލަންޖެހޭ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

އިދިކޮޅުފަރާތްތަކުން ސަރުކާރަށް އަމާޒުކުރާ ބައެއް ފާޑުކިއުންތަކަށް އިޝާރާތްކުރައްވައި، ރައީސް ވިދާޅުވީ އައިޖީއެމްއެޗްގެ 25 ބުރީގެ އައު ޢިމާރާތް 40 އަކަށް މިލިއަނުން ނިންމާލެވޭނެކަމަށް އިދިކޮޅުފަރާތްތަކުން ބުނާއިރު، އެއީ ކިހިނެތްކުރެވޭނެ ކަމެއްތޯ ސުވާލުއުފެދޭކަމަށެވެ. 40 އަކަށް މިލިއަނުން އެކަން ކުރެވޭނަމަ 40 މިލިއަނާއި، އިތުރު 200 މިލިއަނުގެ ހަދިޔާއެއް ދެއްވައިގެން އެކަންކުރަން ސަރުކާރު ތައްޔާރުކަމަށެވެ.

ޝަރުޢީ ކޯޓުތަކަށާއި، މިނިވަން މުއައްސަސާތަކަށް އިދިކޮޅުފަރާތްތަކުން އަމާޒުކުރާ ފާޑުކިއުންތަކަށް ރައްދުދެއްވައި ރައީސް ވިދާޅުވީ، 2008 ވަނަ އަހަރު ތަސްދީޤުކުރެވުނު ޤާނޫނު އަސާސީގެދަށުން ޝަރުޢީ ކޯޓުތަކަށް ޢައްޔަންކުރެއްވި ފަނޑިޔާރުންނާއި، އެކޯޓުތަކާއި، އެތަންތަނުގެ ނިންމެވުންތައް އިއްޔެ ރަނގަޅުވެފައި، ހަމަ އެޤާނޫނު އަސާސީއަށް ބަދަލެއްވެސް ނުގެނެސް އެކަންކަން އޭގެދަށުން މިއަދު ހިނގާގޮތް އިދިކޮޅު ފަރާތްތަކަށް ކަމުނުދިއުމަކީ މައްސަލައެއްކަމަށެވެ.