ކުޅިވަރު

3 އަހަރަށް ގައުމީ ޓީމްގެ ސްޕޮންސަރަކަށް ބީއެމްއެލް!


ކުރިއަށް އޮތް 3 އަހަރަށް ޤައުމީ ޓީމްގެ ސްޕޮންސަރަކަށް ބީއެމްއެލްއާއިއެކު ސޮއިކުރަން އެފްއޭއެމުން ތައްޔާރުވެއްޖެއެވެ. 

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ބީއެމްއެލްއާއިއެކު މިހާރު އެއްބަސްވުމަކަށް އާދެވިފައިވާކަމަށާއި، ދެތިން ދުވަހެއްގެ ތެރޭގައި އެގްރީމެންޓްގެ ކަންތައްތައް ނިމިގެންދާނެކަމަށެވެ. މިހާރު ކުރިއަށްދަނީ ކޮންމެހެން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ނިމިފައިވާކަމަށާއި، ކުދި ކުދި އިދާރީ ބައެއް ކަންތައްތައް ފުރިހަމަކުރަން އަދި އެބަހުރިކަމަށް ބައްސާމް ވިދާޅުވިއެވެ. 

ބީއެމްއެލްއާއިއެކު ވެވޭ އެއްބަސްވުމަކީ ދިވެހި ފުޓްބޯޅައަށް ލިބޭނެ ކުރިއެރުމެއްކަމަށާއި، ދިވެހި މައި ބޭންކުގެ އެހީ ފުޓްބޯޅައަށް ލިބުމަކީ ފުޓްބޯޅަ ކުރިއަރުވަން ލިބުނު ހިތްވަރެއްގެ ގޮތުގައި ބައްސާމް ފާހަގަކުރެއްވިއެވެ.

"ގައުމީ ބޭންކް ފުޓްބޯޅައިގެ ތެރެއަށް ވަނުމަކީ މުޅި ފުޓްބޯޅައަށް ލިބޭނެ ކުރިއެރުމެއް، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެގްރިމަންޓްގައި ސޮއިކުރެވިގެންދާނެ" ބައްސާމް ވިދާޅުވިއެވެ.

ޤައުމީ ޓީމްގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކުރަން ތައްޔާރުވާއިރު، ރާއްޖޭގެ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގައި ވާދަކުރާ ކްލަބްތަކަށްވެސް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކުންފުނިތައް މިހާރުވަނީ ހަމަޖައްސާފައެވެ.