ޓުއަރިޒަމް

ޔޫރަޕުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ


މިއަހަރުގެ ފެބުރުއަރީމަސް ނިމުނުއިރު، ޔޫރަޕުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ރެކޯޑް މިންވަރަކަށް އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރައްވާފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފެބުރުއަރީމަހުގެ ނިޔަލަށް ޔޫރަޕްގެ ޤައުމުތަކުން ޖުމްލަ ސަތޭކަ ތިރީސް އެއްހާސް ހަތްސަތޭކަ ފަސްދޮޅަސް ފަތުރުވެރިއަކު ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ޖެނުއަރީމަހު ޔޫރަޕުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފަސްދޮޅަސް ހަތަރުހާސް ތިރީހަށް އަރާއިރު، ޖެހިގެންއައި ފެބުރުއަރީމަހު މިއަދަދު ވަނީ، ފަސްދޮޅަސް ހަތްހާސް ހަތްސަތޭކަ ތިރީހަށް އަރާފައެވެ.

ޔޫރަޕްގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު، މީގެ އަހަރުތަކެއް ކުރިން ޔޫރަޕުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށްބޮޑަށް ދަށަށް ދިޔަކަން ފާހަގަކޮށްލެވެއެވެ. ޕީއެސްއެމްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު މިހާރުއޮތީ ވަރަށް ރަނގަޅު ހާލަތެއްގައިކަމަށެވެ. މިގޮތުން ފަތުރުވެރިކަމުގެ ސިނާއަތަށް ލިބެމުން އަންނަ ކުރިއެރުމާއެކު އެހެނިހެން ސިނާއަތްތައްވެސް ކުރިއަރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14908928706652.jpg|އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

"ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އަންނަނީ ވަރަށްބާރަށް ކުރިއަރަމުން. މިއާއިއެކު ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާވެސް އަންނަނީ ވަރަށްބާރަށް ކުރިއަރަމުން. ކުރިއަށްއޮތްތަނުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ." މިނިސްޓަރ ވިދާޅުވިއެވެ.

ޔޫރަޕް މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، ޖަރުމަނުވިލާތް، ރަޝިއާ، އަދި އިޓަލީވިލާތުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިގެންދާނޭ އިތުރު ކުރިއެރުމެއްކަމަށް މި ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން ބުނެއެވެ. ޔޫރަޕުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު، މިއަހަރުގެ ފެބުރުއަރީމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް ވަނީ %7.6 އިތުރުވެފައެވެ.