ޓުއަރިޒަމް

ރިޔާޟު ޓްރެވަލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ


މެދުއިރުމަތީގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރތަކުގެތެރޭގައި ހިމެނޭ ރިޔާޟު ޓްރެވަލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިމަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށް، ސަޢޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ކުރިއަށްދާ ރިޔާޟު ފެއަރގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯއާ އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 10 ފަރާތަކުން ބައިވެރިވެފައިވެއެވެ.

މި ފެއަރ މެދުވެރިކޮށް މެދު އިރުމަތީގައި ރާއްޖެ އިތުރަށް އިސްތިހާރުކޮށް އެ ސަރަޙައްދުގެ ޤައުމުތަކުގެ ޓްރެވަލް އެޖެންޓުންނާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅުން ބަދަހިވާނެ ކަމަށް މަޓާޓޯއިން ދެކެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ %3 އަކީ މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް އަންނަ މީހުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ދެމަސްދުވަހުގެތެރޭ މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް ހަތްހާސް ތިންސަތޭކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާ ބަލާއިރު %3.9 އިތުރު ޢަދަދެކެވެ. 

މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ސަޢޫދީ އަރަބިޔާއިންނެވެ. މިއަހަރުގެ ފެބްރުއަރީމަހުގެ ނިޔަލަށް ތިންހާސް ތިންސަތޭކައަށް ވުރެ ގިނަ ފަތުރުވެރިން އެޤައުމުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.