ޚަބަރު

ކޯސްޓްގާޑުގެ 5ވަނަ ބޭސިކް ޑައިވިންގ ކޯސް ނިންމާލައިފި


ހަތަރު ޤައުމެއްގެ އަސްކަރިއްޔާގެ ސިފައިން ބައިވެރިކޮށްގެން އެމްއެންޑީއެފުން ހިންގި ކޯސްޓްގާޑުގެ ފަސް ވަނަ ބޭސިކް ޑައިވިންގ ކޯސް ނިންމާލައިފިއެވެ. 

މި ކޯސް ނިންމުމުގެ ގޮތުން ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އިނާމާއި ތަށި ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ. އަދި ކޯހުން ފާސްވި ދަރިވަރުންނަށް ހަނދާނީ ލިޔުމާއި ބެޖު ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑް ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމެވެ. މި ކޯހުން ފާސްވި ދަރިވަރުންނަށް ބެޖު ހަވާލުކޮށްފައިވަނީ ކަނޑު އަޑީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. 

މިދިޔަ ޖެނުއަރީ މަހުގެ ފަނަރައިން އޭޕްރިލް މަހުގެ ތޭރަ ވަނަދުވަހުގެ ނިޔަލަށް ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ހިންގި މި ކޯހުގައި  ސިފައިންގެ ސޯޅަ މީހަކު ބައިވެރިވެފައިވެއެވެ. އަދި ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުން ފަސް މީހަކު ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ނޭޕާލް، ސްރީލަންކާ، ބަންގްލަދޭޝް ، އިންޑިއާގެ މިޤައުމުތަކުގެ ސިފައިންނެވެ. 

މި ކޯހުގެ ބެސްޓް އޯލް ރައުންޑަކަށް ހޮވިފައިވަނީ ލާންސް ކޯޕްރަލް ޙަސަން ރަޝީދެވެ. މި ކޯހުގެ ފިޓެސްޓް ޑައިވަރުގެ މަޤާމް ޕްރައިވެޓް ޙަސަން ނަސީމް ހޯދިއިރު ކޯހުގެ ބެސްޓް ފޮރިން ކެޑޭޓަކަށް ހޮވިފައިވަނީ ސްރީލަންކާގެ އާރުއެމްއެސްއެމް ރަނަތުންގައެވެ. އަދި ކޯހުގެ ފަސްޓް އިން މެރިޓަކަށް ހޮވިފައިވަނީ ލާންސް ކޯޕްރަލް އިސްމާޢީލް ހަމީޒްއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި މި ކޯހުގައި ދަރިވަރުންނަށް ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި ހިސްޓްރީ އޮފް ޑައިވިންގ، ފިޒިކްސް އެންޑް ފިޒިއޯލޮޖީ އޮފް ޑައިވިންގ، އިކުއިޕްމަންޓް އެންޑް އެކްސެސަރީސް، ޑައިވިންގ ކޮމިއުނިކޭޝަންސް، ޑައިވިންގ ޓޭބަލް، ޑައިވިންގ ސޭފްޓީ، ޑައިވިންގ ސާރޗް ޕެޓާންސް، ފިޒިކަލް ޓްރެއިނިންގ، ސްވިމިންގ، ޑައިވިންގ ސްކިލްސް، ޑައިވިންގ ފަސްޓް އެއިޑް، މިޝަން ޕްލޭނިންގ، ވެސެލް ރެސްކިއު އަދި ރެސްކިއު ސްވިމިންގ ހިމެނެއެވެ.

މި ކޯސް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޓާޗޭ ކެޕްޓަން ޕްރަޝާންތް ހާންޑޫއާއި އެމްއެންޑީއެފް ކޯސްޓްގާޑުގައި މަސައްކަތްކުރައްވާ އޮފިސަރުން ބައިވެރިވެވަޑައިގަތެވެ.