ޚަބަރު

"ހައްދު ފަހަނައަޅާފައިވާ ފިކުރަކަށް ރާއްޖޭގައި ޖާގައެއްނެތް"


ދިވެހިރާއްޖެއަކީ އެއްވެސް ބާވަތެއްގެ ހައްދުފަހަނައަޅާފައިވާ ފިކުރުތަކަކަށް ޖާގަދޭނެ ޤައުމެއްނޫންކަމަށާ، ހައްދުފަހަނައެޅުމާއި، ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތައް ބޭރުދުނިޔެއަށް ހާމަކޮށްދިނުމަށް ދިވެހި ސަފީރުންނަށް ރައީސުލް ޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.

ދިވެހި ސަފީރުންގެ މަހާސިންތާ ފެށުމުގެ ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ވިދާޅުވީ ރައްޖެއަކީ ދުނިޔޭގެ ހުރިހާ ޤައުމަކާވެސް ގުޅުންބަދިކުރާ ޤައުމެއްކަމަށާ، ރާއްޖެއާ ޙަސަދަވެރި އެއްވެސް ޤައުމެއް ނޯންނާނެކަމަށެވެ. ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ ފިކުރުތައް އޮތްކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވައި ރައީސް ވިދާޅުވީ، އެއީ ހަޤީގަތެއްނޫންކަމަށާ، އެކަން ބޭރުދުނިޔެއަށް ސާފުކޮށްދިނުމަކީ ދިވެހި ސަފީރުންގެ ޒިންމާއެއްކަމަށެވެ.

ސަފީރތުންގެ މަހާސިންތާގެ ތީމަކީ "މަންޒިލެއްގެ ގޮތުގައި ރާއްޖެ ކުރިއެރުވުން" މިއެވެ. މި މިހާސިންތާގެ ތީމް ބިނާވެފައިމިވަނީ ރާއްޖެއަށް މިވަގުތު އެންމެ މުހިންމު އަމާޒަށް ވާސިލުވުމަށްޓަކައި މަސައްކަތްކުރުންކަން ފާހަގަކުރައްވައި ރައީސް މިއަދު ވިދާޅުވީ، މިއަމާޒާއެކުވެސް ރާއްޖެއަށް ޚާއްސަ ނާޒުކު ދާއިރާާތަކުން ބޭރުދުނިޔޭގެ އެހީތެރިކަމާއި އެއްްބާރުލުން ހޯދުމަށް މަސައްކަތްކުރަންޖެހޭކަމަށެވެ.

ރާއްޖެއިން އެކި ޤައުމުތަކަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންގެ ދައުރު ފުޅާކުރައްވައި، އެމްބަސީތަކުން އަދާކުރެވިދާނެ ދައުރާ ގުޅޭ މަޢުލޫމާތު ދެއްވުމަށް ބާއްވާ ސަފީރުންގެ މަހާސިންތާ ފަށްޓަވާފައިވަނީ މިއަދު ހެނދުނުއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި ތިއްބަވާ ދިވެހި ސަފީރުންނަށް ކުރިއަށްގެންދަވާ މި މަހާސިންތާގައި، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު ބޭރުގެ އިންވެސްޓަރުންނާ ޙިއްޞާކުރުމުގައި، ދިވެހި ސަފީރުންނަށް އަދާކުރެވިދާނެ ދައުރާ ގުޅޭ މަޢުލޫމާތު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބައިނަލްއަޤްވާމީ އެކި ކަންކަމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ސަފީރުންނާ ޙިއްޞާކުރެވިގެންދާނެކަމަށްވެސް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

އިޤްތިޞާދީ ކަންކަމާ ގުޅޭ މަޢުލޫމާތުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، އިންސާނީ ޙައްޤުތަކާ ގަވަރނެންސާ ގެޅޭގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ މަޢުލޫމާތު ސަފީރުންގެ މަހާސިންތާގެ ތެރެއިން ޙިއްޞާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއްވައެވެ. މިމަހާސިންތާގައި މަޢުލޫމާތު ދެއްވާނީ ފޮރިން މިނިސްޓްރީގެ އިތުރުން، ޓޫރިޒަމް މިނިސްޓަރީއާއި، އިކޮނޮމިކް މިނިސްޓްރީއާއި، އެންވަޔަރަމެންޓް މިނިސްޓްރީއާއި، ބަންޑާރަނައިބުގެ އޮފީހާއި، ޖެންޑަރ މިނިސްޓްރީގެ އިސްވެރިންނެވެ. މީގެ އިތުރުން އެމް.އެމް.ޕީ.އާރ.ސީގެ ފަރާތުންވެސް މިބައްދަލުވުމުގައި މަޢުލޫމާތުދެއްވުމަށް ހަމަޖެހިފައިވެއެވެ. މިމަހާސިންތާ ކުރިއަށްގެންދެވުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ ސަފީރުންގެ މަހާސިންތާ ކުރިއަށްގެންދެވުމަށް ހަމަޖެހިފައިވަނީ ފޮރިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެންނެވެ.