އެޗްވަން އެންވަން ފުލޫއާ ގުޅިގެން ފަތުރުވެރިކަމަށް އަސަރުކުރި ނަމަވެސް މި އަހަރު ނިމޭއިރު، ފަތުރުވެރިކަމަށް ރަނގަޅު ކުރިއެރުމެއް ލިބޭނެކަމަށް ލަފާކުރައްވާކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ މިދިޔަމަހު ރާއްޖޭގައި ފެތުރުނު އެޗްވަން އެންވަން އާއި ގުޅިގެން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ މެދު އިރުމަތީގެ މާކެޓަށާއި ޗައިނާގެ މާކެޓަށް ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިއަހަރުގެ ފުރަތަމަމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު، ސޯޅަ އިންސައްތަ ވަނީ އިތުރުވެފައެވެ. އެހެން ނަމަވެސް މިއަހަރުގެ މާޗުމަހު ރާއްޖޭގައި ފެތުރިގެންދިޔަ ހުމުގެ ރޯގާ، އެޗްވަން އެންވަންއާ ގުޅިގެން މިދިޔަމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށްވާނެ ކަމަށް ވަނީ ބެލެވިފައެވެ.
ޕީއެސްއެމްއަށް ދެއްވި ޙާއްސަ އިންޓަރވިއުއެއްގައި މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރު ވިދާޅުވީ، އެޗްވަން އެންވަން ރާއްޖޭގައި ފެތުރިގެންދިޔަ ދުވަސްކޮޅަކީ ކޮންމެ އަހަރެއްގައިވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ދުވަސްވަރުކަމަށެވެ. އެޗްވަން އެންވަން ރޯގާއާއި ގުޅިގެން ފަތުރުވެރިކަމަށް ގޮންޖެހުންތައް ކުރިމަތިވިކަމަށެވެ. ފަތުރުވެރިކަން އިސްތިހާރުކޮށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ އަދަދު މި އަހަރު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެއްވުމަށްރާވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑަށް ހީވަނީ މިދިޔަ އަހަރެކޭ އެއްވަރަށް މިއަހަރުވެސް ގުރޯތު އިފެހެއްޓޭނެހެން، އެހެން ނަމަވެސް މިއަހަރު ވެގެންގޮސްފައި މިވަނީ ވަރަށް ޗެލެންޖިންގ އަހަރަކަށް. އެއީ އެޗްވަން އެންވަން ފެތުރިގެންދިޔައީ ސީސަން އެއްކޮށް ނުނިމެނީސް، މީގެ ސަބަބުން މިޑިލް އީސްޓް މާރކެޓު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވޭ، އަދި ޗައިނާ މާރކެޓަށްވެސް މީގެ އަސަރުކޮށްފައިވޭ. އެކަމަކުވެސް ކުރިއަށް އޮތްތާނގައި މާރކެޓިންގ އެކްޓިވިޓީސް ވަރުގަދަކޮށް، މިދިޔަ އަހަރު ލިބުނު ޓޫރިސްޓު އަރައިވަލް ގުރޯތު ހިފެހެއްޓުމަށް މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައި" މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހުސްވި އަހަރުތެރޭ ރާއްޖެއަށް އެކެއް ޕޮއިންޓު ތިނެއް މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ދެހާސް ފަނަރަވަނަ އަހަރާއި އަޅާ ބަލާއިރު، ހަތަރެއް ޕޮއިންޓު ދޭއް އިންސައްތަ އިތުރު އަދަދެކެވެ.