ޚަބަރު

ބަންގްލަދޭޝްގައި ތިބި ދިވެހި ކުދިންނަށް ރަޖިސްޓްރޭޝަން ލިބިއްޖެ


ބަންގްލަދޭޝްގެ މެޑިސިން ކިޔަވަމުންދާ ދިވެހި 28 ދަރިވަރަކަށް ދިމާވެފައިވާ ރަޖިސްޓްރީކުރުމުގެ މައްސަލަ ބަންގްލަދޭޝް ސަރުކާރުން ހައްލުކޮށްފިއެވެ. 

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުއްވި ބަޔާނެއްގައިވަނީ ބަންގްލަދޭޝްގެ ޗިޓްގޮންގް ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލަޖީގައި މެޑިސިން ހަދަމުންދާ ދިވެހި ކިޔަވާކުދިންނަށް ދިމާވެފައިވާ ރަޖިސްޓްރޭޝަންގެ  މައްސަލައާ ގުޅޭގޮތުން  ބަންގްލަދޭޝްގެ ހެލެތް މިނިސްޓްރީން އެމައްސަލަ ޙައްލުކުރުމުގެ ފުރުސަތު އިއްޔެ ޔުނިވަރސިޓީއަށް ދެއްވައިފައިވާކަމަށެވެ. 

އަދި ބަންގްލަދޭޝްގެ ސަރުކާރުން އަންގަވާފައިވާ ހަމަތަކުގެ މަތިން އެ ޔުނިވަރަސިޓީގައި ކިޔަވަމުންދާ ދިވެހި 28 ދަރިވަރުންގެ މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން  އެ ޤައުމުގައި ހުންނަ ދިވެހި އެމްބަސީއަށް ލިޔުމުން ޔުނިވަރސީޓީން ދީފައިވާކަން ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. 

މިމައްސަލަ ޙައްލުކޮށްދެއްވުމަށް، ފާއިތުވި ފަސްމަސްދުވަހުގެ ތެރޭގައި ސަރުކާރުން ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ. މިގޮތުން  ދިވެހިރާއްޖެއިން ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާއިޝަތު ޝާން ޝާކިރު ބަންގްލަދޭޝް ސަރުކާރުގެ ކަމާބެހޭ ބޭފުޅުންނާއި، ޗިޓްގޮންގް ޔުނިވަރސިޓީ ވައިސް ޗާންސެލަރާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވާކަމަށެވެ. 

މީގެއިތުރުން އެ ޔުނިވަރސިޓީގައި ތައުލީމް ޙާސިލުކުރަމުންދާ ދަރުވަރުންނާއި އެ ކުދިންގެ ބެލެނިވެރިންނާ ފޮރިން މިނިސްޓަރ މުހައްމަދު އާސިމާއި މިނިސްޓްރީގެ އިސް ބޭފުޅުން އެކިފަހަރު މަތިން ބައްދަލުކުރައްވާފައިވާކަންވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.