ޚަބަރު

ހޯމަދުވަހުގެރޭ ހައްޔަރުކުރީ "ޤައުމީ ސަލާމަތަށް ނުރައްކާ" ބައެއް!


މިދިޔަ ހޯމަ ދުވަހުގެރޭ ފުލުހުން އަތުލައިގަތް މީހުންނަކީ "ޓެރަރިޒަމްގެ ޢަމަލުތަކެއް ހިންގައި ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ޢަމަލެއް ހިންގަން އުޅުނު" ކަމަށް ތުހުމަތުކުރެވޭ ބައެއްކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ. 

ހޯމަދުވަހުރޭ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނުގައި މައްޗަންގޮޅީ ޤަބުރުސްތާނު ސަރަޙައްދުގައި ހުރި 2 ގެއަކާއި، އޮފީހެއް ބަލައިފާސްކޮށް ބަޔަކު ހައްޔަރުކޮށްފައިވެއެވެ. އެރޭ ފުލުހުން ފާސްކުރި އޮފީސް، ފާސްކުރުމަށް ކޯޓުން ނެރުއްވި އަމުރުގައި ވަނީ އެތަންތަން ފާސް ކުރަނީ ރާއްޖޭގެ ޤައުމީ ސަލާމަތާއި އަމަނަށް ނުރައްކާވާ ފަދަ ޢަމަލުތަކެއް ރާވާއި ހިންގަން ބަޔަކު މަސައްކަތް ކުރާކަމުގެ ތުހުމަތުގައި ކަމަށެވެ.އެރޭ ކޯޓުއަމުރެއްގެ ދަށުން ފުލުހުން ބަލައި ފާސްކުރީ މއ.ކިނާރާ ހައުސްއާއި އެނބޫގޯޅީގައި ހުންނަ އޮފީހަކާއި މއ.ނަމޫނާގެ އެވެ. މީގެ ތެރެއިން މީހުން ހައްޔަރުކުރި ކަމަށް ވަނީ ކިނާރާ ހައުސް އާއި އޮފީހުންނެވެ. މި އޮޕަރޭޝަންގައި ހައްޔަރުކުރީ ތިން މީހަކު ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. 

ހޯމަދުވަހުގެރޭ ފުލުހުން ހައްޔަރުކުރީ މާލޭގެ އެކި ތަންތަން ގޮއްވާލަން ރާވައި ނުރައްކާތެރި ބޮމުގެ ހަމަލާއެއް ދޭންއުޅުނު ބައެއްކަމަށް ބުނެ މިޙާދިސާއާބެހޭގޮތުން ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

އެހެންނަމަވެސް މިކަމާބެހޭގޮތުން ފުލުހުން އެއްވެސް އެއްޗެއް ޙާމައެއް ނުކުރައްވައެވެ.