ވިޔަފާރި

އުރީދޫ މޯލްޑިވްސްގެ ޙިއްސާ ގަތުމުގެ ފުރުޞަތު ހުޅުވާލައިފި


އުރީދޫ މޯލްޑިވްސް ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، އެކުންފުނިން ހިއްސާ ވިއްކަން ފެށުމަށް ލިސްޓުކުރުން އިޢުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފައިލް ފޮޓޯ: ޕީއެސްއެމް

އުރީދޫ މޯލްޑިވްސްގެ ޙިއްސާ ގަތުމުގެ ފުރުސަތު ޢާއްމޮކޮށް ހުޅުވާލައިފިއެވެ.

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދެވަނައަށް ދޭން ފެށި އުރީދޫން ޙިއްސާއެއް ވިއްކަމުންދަނީ ތިރީސް ރުފިޔާއަށެވެ. އުރީދޫން އެންމެ ފުރަތަމަ ވިއްކުމަށް ނިންމާފައިވަނީ އެކުންފުނީގެ ފަނަރަ އިންސައްތަ ޙިއްސާއެވެ. އެއީ ބާވީސް މިލިއަން އެއްސަތޭކަ ހަތްދިހަ ހާސް ފަސްދޮޅަސް ޙިއްސާއެވެ. ނަމަވެސް ތަރުހީބަށް ބަލައި ސާޅީސް އިންސައްތަ އާއި ހަމަޔަށް އާއްމުނަށް ޙިއްޞާ ވިއްކަމުންދާނޭކަމަށް އުރީދޫއިން ބުނެއެވެ. އުރީދޫއިން ވަނީ އާއްމުނަށް އެކުންފުނީގެ ޙިއްސާ ވިއްކުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެޕްލިކޭޝަން ފޯމް ބަލައިގަނެވޭނެ އިންތިޒާމްތައް ހަމަޖައްސާފައެވެ.

ރާއްޖޭގެ ދެވަނަ ޓެލެކޮމް އޮޕަރޭޓަރެއްގެ ގޮތުން އުރިދޫއިން ޚިދުމަތް ދޭން ފަށާފައިވަނީ ދެހާސް ފަސް ވަނަ އަހަރު ވަތަނިއްޔާ ޓެލެކޮމްގެ ނަމުގައެވެ. 

އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަކަށް ބަދަލުކޮށް ހިއްސާގެ ބާޒާރުގައި ލިސްޓްކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ބާރަވަނަ ދުވަހުއެވެ. އުރީދޫ މޯލްޑިވްސްއާއެކު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ އަދަދު މިހާރު ވަނީ ދިހަޔަކަށް އަރާފައެވެ.