ވިޔަފާރި

މިދިޔަ އަހަރު މަސްކިރުވި ޢަދަދު %19 އިތުރުވެއްޖެ


ފާއިތުވެދިޔަ ދެއަހަރު ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ ދުވެލި ދަށްވުމަށްފަހު، މިދިޔައަހަރު މަސްކިރުވި ޢަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު ނަވާރަ އިންސައްތަ އިތުރުވެއްޖެއެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނެރުއްވާފައިވާ، މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު ޖުމްލަ 54 ހާސް މެޓްރިކް ޓަނުގެ މަސް ކިރުވާފައިވެއެވެ. 

އެމް.އެމް.އޭގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ކިރުވި ޖުމުލަ މަހުގެ ޢަދަދު އިތުރުވެފައިވަނީ، އެއަހަރުގެ ތެރޭގައި ކިރުވި ކަޅުބިލަމަހުގެ ޢަދަދު އިތުރުވުމުންނެވެ. އެހެންނަމަވެސް އެ މުއްދަތުގެ ތެރޭގައި ކަންނެލި ކިރުވި ޢަދަދު ވަނީ ދަށްވެފައެވެ. މި ދެ ބާވަތުގެ މަހަކީ ރާއްޖޭގެ ކުންފުނިތަކަށް ކިރުވި ޖުމްލަ މަހުގެ ނުވަދިހަ ހައެއް އިންސައްތައެވެ. 

ކަނޑުމަހުގެ ބާވަތްތަކުގެ އެކްސްޕޯޓަށް ބަލާއިރު، ރާއްޖެއިން އެކްސްޕޯޓް ކުރި މިންވަރު އިތުރުވެފައިވީނަމަވެސް، އެކްސްޕޯޓް ކޮށްގެން ލިބުނު ޢާމްދަނީ ވަނީ ދަށްވެފައިކަމަށް އަހަރީ ރިޕޯޓުގައިވެއެވެ. ރާއްޖެއިން އެކްސްޕޯޓް ކުރި ކަނޑުމަހުގެ ބާވަތްތައް އިތުރުވުމާގުޅިގެން މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމުގެ ސިނާއަތަށްވެސް ވަނީ ކުރިއެރުން ލިބިފައެވެ. ރާއްޖެއިން މަސް އެކްސްޕޯޓް ކުރި މިންވަރަށް ބަލާއިރު، މިދިޔަ އަހަރު ރާއްޖެއިން މަސް އެކްސްޕޯޓް ކުރި މިންވަރު ހަތެއް އިންސައްތަ ވަނީ އިތުރުވެފައެވެ. 

މި މުއްދަތުގެ ތެރޭގައި އެކްސްޕޯޓް ކޮށްފައި ވަނީ 46.5 މެޓްރިކް ޓަނުގެ މަހެވެ. މަސް އެކްސްޕޯޓް ކުރި މިންވަރު އިތުރުވެފައި ވަނީ، ގަނޑުކުރި ކަންނެއްޔާއި ކަޅުބިލަމަސް އެކްސްޕޯޓް ކުރި މިންވަރު އިތުރުވުމުވާ ގުޅިގެންނެވެ. ނަމަވެސް، މުޅިއަހަރުގެ ތެރޭގައި ކަނޑުމަހުގެ ބާވަތްތަކުގެ ތެރެއިން ތާޒާ ނުވަތަ ފިނިކުރި ކަންނެއްޔާއި، ލޯބޮޑު ކަންނެއްޔާއި ހިއްކި ކަޅުބިލަމަސް އެކްސްޕޯޓް ކުރި މިންވަރު ދަށްވުމުން ޖުމްލަ، މަސް އެކްސްޕޯޓް ކުރި މިންވަރު މައްޗައް ދިޔަ ރޭޓް ވަނީ ހިފެހެއްޓިފައެވެ.

ދުނިޔޭގެ ބާޒާރުގައި ކަޅުބިލަމަހުގެ އަގު މިދިޔަ އަހަރު މަތިވެފައިވީ ނަމަވެސް، ރާއްޖޭގެ މަސް ކުންފުނިތަކުން ކަޅުބިލަމަސް ގަނެފައިވާ އަގު ހުރީ މުޅި އަހަރުގެ ތެރޭގައި އެއްވަރެއްގައި ހިފެހެއްޓިފައެވެ. އަދި ކަންނެލީގެ އަގު މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި އަހަރުން އަހަރަށް ބަލާއިރު ވަނީ ދަށްވެފައެވެ. މި އަގު އަހަރުގެ މެދުތެރޭގައި މަތިވެގެން ދިޔަ ނަމަވެސް އަހަރުގެ ފަހުކުއާޓަރުގައި އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް ވެއްޓިފައިކަމަށް އެމްއެމްއޭގެ އަހަރީ ރިޕޯޓުގައިވެއެވެ.