ޓުއަރިޒަމް

ފުރަތަމަ 3 މަސްދުވަހު ޒިޔާރަތްކުރި ފަތުރުވެރިން އިތުރުވެއްޖެ


މިއަހަރުގެ ފުރަތަމަ ތިންމަސްދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު މިދިޔަ އަހަރުގެ އެމުއްދަތާ އަޅާ ބަލާއިރު 4.3 އިންސައްތަ އިތުރުވެއްޖެއެވެ.

މިއަހަރުގެ ފުރަތަމަ ދެމަސް ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު އިތުރުވެފައިވީ ނަމަވެސް، މާޗުމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ވަނީ ހުސްވި އަހަރުގެ މާޗުމަހާ އަޅާބަލާއިރު 2.1 އިންސައްތަ ދަށަށް ގޮސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ޢާއްމުކުރައްވާފައިވާ، މާޗުމަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެމަހު ރާއްޖެއަށް ސަތޭކަ ބާރަ ހާސް ހަސަތޭކަ ފަސްދޮޅަހަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ، މިދިޔަ އަހަރުގެ އެމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ސަތޭކަ ފަނަރަހާސް އެއްސަތޭކަ ތިރީސްއެއް ފަތުރުވެރިންނަށްވުރެ، ދޭއް ޕޮއިންޓް އެކެއް އިންސައްތަ ދަށް އަދަދެކެވެ.

މާޗުމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށްގޮސްފައިވަނީ މާޗުމަހުގެތެރޭގައި، ރާއްޖޭގައި އެޗްވަން އެންވަން ފުލޫ ފެތުރުމާ ގުޅިގެން ކަމަށް ލަފާކުރެވެއެވެ.

ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ، އިނގިރޭސިވިލާތް، ޗައިނާ، ޖަރުމަންވިލާތް، ސަޢުދީ ޢަރަބިޔާއިން މާޗުމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ޢަދަދުވަނީ މިދިޔަ އަހަރުގެ މާރޗުމަހާ އަޅާ ބަލާއިރު ދަށްވެފައެވެ. އެހެން ނަމަވެސް އިޓަލީވިލާތް، އިންޑިއާ، އެމެރިކާއިން މަރޗުމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ވަނީ އިތުރުވެފައެވެ.

އެގޮތުން މާޗުމަހު އިންޑިއާއިން ރާއްޖެއަށް ފަސްހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި އިޓަލީއިން ރާއްޖެއަށް ނުވަހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މާޗުމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށްވެފައިވީ ނަމަވެސް، މިއަހަރުގެ މާޗުމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަކުރި ފަތުރުވެރިންގެ ޢަދަދުވަނީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާ ބަލާއިރު ހަތަރެއް ޕޮއިންޓް ތިނެއް އިންސައްތަ އިތުރުވެފައެވެ. މިއަހަރުގެ ފުރަތަމަ ތިންމަސްދުވަހު ތިންސަތޭކަ ފަންސާސް ނުވަހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބްތަކުން ދައްކައެވެ.