ވިޔަފާރި

ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާ މިދިޔަ އަހަރު ވަނީ ކުރިއަރާފައި


އެމްއެމްއޭއިން ނެރެފައިވާ ހުސްވި އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ހެޔޮވުމާއި ޢިމާރާތްކުރުމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނު އިތުރުވުމާއި ގުޅިގެން މިދިޔަ އަހަރު ޢިމާރާތްކުރުމުގެ ސިނާޢަތް ވަނީ ވަރަށް ބޮޑަށް ކުރިއަރާފައިއެވެ.

މީގެއިތުރުން ސަރުކާރުން ހިންގަން ފަށާފައިވާ އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކަމަށްވާ ހުޅުލެއާއި މާލެއާ ދެމެދު އަޅާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢާއި މާލޭ އިންޑަސްޓްރިއަލް ވިލެޖް ހެދުމާއި މާލޭ ރީޑިވެލޮޕްމަންޓް ޕްރޮޖެކްޓް އަދި ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރު ޢިމާރާތްކުރުމުގެ މަޝްރޫޢުގެ ސަބަބުންވެސް އެ ދާއިރާއަށް އިތުރު ކުރިއެރުން ލިބިފައިވާކަން އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ސަރުކާރުން ހިންގާ ތަރައްޤީގެ އެހެނިހެން މަޝްރޫޢުތައް ކަމަށްވާ ބަނދަރުތައް ހެދުމާއި ޖެޓީތައް ތަރައްޤީކުރުމާއި ބިން ހިއްކުމާއި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވުމުގެ ސަބަބުންވެސް ޢިމާރާތްކުރުމުގެ ދާއިރާ ވަނީ ކުރިއަރާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި، ގެދޮރާއި އެހެނިހެން ޢިމާރާތްތައް އެޅުން އިތުރުވުމާއި އައު ރިސޯޓުތައް ތަރައްޤީކުރުމުގެ ސަބަބުންވެސް އެ ދާއިރާއަށް ކުރިއެރުން ލިބިގެން ދިޔަކަމަށް އެމްއެމްއޭގެ އަހަރީ ރިޕޯޓުގައިވެއެވެ. 

ޢިމާރާތްކުރުމުގެ ދާއިރާ ކުރިއަރާ މިންވަރު ދައްކުވައިދޭ އެންމެ މުހިންމު ދެ މިންގަނޑަކީ، މާލީ ދާއިރާއިން ޢިމާރާތްކުރުމަށް ދޫކޮށްފައިވާ ލޯނާއި ޢިމާރާތްކުރުމަށް ބޭނުންވާ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާ މިންވަރެވެ. އެގޮތުން ރާއްޖޭގައި ހިންގާ ވިޔަފާރި ބޭންކުތަކުން ޢިމާރާތްކުރުމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު 2016 ވަނަ އަހަރު ވަނީ 24 އިންސައްތައަށް އިތުރުވެފައެވެ. މީގެ މައިގަނޑު އެއް ސަބަބަކީ، ކުރިއަށްވުރެ ފަސޭހައިން ފައިނޭންސް ހޯދޭނެ ގޮތްތައް ފަހިވެފައިވުމާއި ގެދޮރާއި އެހެނިހެން ޢިމާރާތްތައް ހެދުމަށް އޮތް ޑިމާންޑް އިތުރުވުމާ ގުޅިގެން، ޢިމާރާތްކުރުމަށް ދޫކުރެވުނު ލޯނުގެ މިންވަރު އިތުރުވެފައިވުމެވެ. މީގެ އިތުރުން، އައު ރިސޯޓުތައް ތަރައްޤީކުރުމަށާއި ރިސޯޓުތައް މަރާމާތުކުރުން އިތުރުވެފައިވާތީވެސް ޢިމާރާތްކުރުމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު ވަނީ އިތުރުވެފައެވެ. 

ޢިމާރާތްކުރުމުގެ ދާއިރާ ކުރިއަރާ މިންވަރު ދައްކުވައިދޭ ދެވަނަ މިންގަނޑު ކަމަށްވާ ޢިމާރާތްކުރުމަށް ބޭނުންވާ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާ މިންވަރު ހުސްވި އަހަރު 22 އިންސައްތަ އިތުރުވެފައިވާކަމަށްވެސް އެމްއެމްއޭގެ އަހަރީ ރިޕޯޓުގައިވެއެވެ.