ކުޅިވަރު

ބަލިވީ މުބާރާތުގެ އެންމެ ޑިފެންސް ވަރުގަދަ ޓީމް އަތުން - ދިލް


ބޮޑު ތަފާތަކުން ބަލިވީ ހޮންގކޮންގގެ ޑިފެންސް ލައިން ބްރޭކް ކޮށްލަން ފުރަތަމަ ކުއާޓާރގައި ކުޅުންތެރިންނަށް ނޭންގުމުންކަމަށް 21 އަހަރުން ދަށުގެ ޤައުމީ ނެޓްބޯޅަ ޓީމްގެ ކޯޗް އައިމިނަތު ހަލީމް (ދިލް) ބުނެފިއެވެ.

ދެކުނު ކޮރެޔާގެ ޖިއޮންޖޫގައި މިހާރު ކުރިއަށްދާ އޭޝިއަން ޔޫތް ނެޓްބޯލް ޗެމްޕިއަންޝިޕްގައި މިއަދު ރާއްޖެ ކުޅުނު މެޗުން ހޮންގކޮންގއާއި ވާދަކޮށް ބަލިވީ 61 ޕޮއިންޓް 14 ޕޮއިންޓުންނެވެ.

މެޗުގެ ފުރަތަމަ ކުއާޓަރގައި ހޮންގކޮންގއިން 19 ޕޮއިންޓްގެ ލީޑެއް ނެގިއެވެ. ދެވަނަ ކުއާޓާރގައި ދިވެހި ޓީމުން ކުޅުން ރަނގަޅުކޮށް ޑިފެންސް ވަރުގަދަ ހޮންގކޮންގ ކޮޅަށް ކުރި ނުވަ ޝޫޓް ކާމިޔާބުކުރިއެވެ. އެހެންނަމަވެސް ޖެހިގެން އައި ދެ ކުއާޓަރގައި ހޮންގކޮންގއިން ރާއްޖެ ހިފެހެއްޓުމުގައި ކާމިޔާބު ހޯދާ ބޮޑު ތަފާތަކުން މެޗް ކާމިޔާބުކުރިއެވެ.

މެޗަށްފަހު ޒުވާން ޤައުމީ ޓީމްގެ ކޯޗް އައިމިނަތު ހަލީމް (ދިލް) ބުނީ ބޮޑު ތަފާތަކުން ބަލިވާން ދިމާވި މައިގަނޑު ސަަބަބަކީ ފުރަތަމަ ކުއާޓާރގައި ހޮންގކޮންގގެ ޑިފެންސް ބްރޭކް ކޮށްނުލެވުމެވެ. ތައްޔާރުވި ގޮތާއި ޚިލާފަށް ހޮންގކޮންގއިން މެޗުގައި ޒޯން ޑިފެންސް ޖެއްސުމުގެ ސަބަބުން ދިވެހި ކުޅުންތެރިންނަށް އެޓޭކިންގ ހާފްގައި ގިނަ އުނދަގޫތަކެއް ދިމާވިކަމަށްވެސް ކޯޗް ބުންޏެވެ.

img:http://s3.psmnews.mv/images/660x400/14942501471642.JPG|ހޮންގކޮންގ އަދި ދިވެހިރާއްޖެ ވާދަކުރި މެޗަށްފަހު ދެ ޓީމްގެ ކުޅުންތެރިން

އަނިޔާގައި ތިބި ކުޅުންތެރިންނާއިއެކު މި ނަތީޖާއާ މެދު ހިތްހަމަޖެހޭކަން ފާހަގަކުރަމުން ކޯޗް ބުނީ ކޮންމެ ކުޅުންތެރިއަކުވެސް ބުރަކޮށް މަސައްކަތް ކުރިކަމަށާއި، ޓީމަށް އައިސްފައިވާ ކުރިއެރުމާއިމެދު ހިތްހަމަ ޖެހޭކަމަށެވެ.

"އުއްމީދުކުރީ ވަން އޮން ވަން ޑިފެންސް ކުރާނެކަމަށް، އެކަމަކު ހީކުރިގޮތާއި ޚިލާފަށް އެ ޓީމުން ޒޯން ޑިފެންސް ޖެއްސީ. ކުޅުންތެރިންނަށް އެހެންވެ ރަނގަޅު ސްކޯއެއް ނެރެން އުނދަގޫވީ"

އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖެ މާދަމާ ނިކުންނާނީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ސްރީލަންކާއާއި ދެކޮޅަށެވެ. ސްރީލަންކާ މެޗަށްފަހު ރާއްޖެއަށް މުބާރާތުގައި އޮންނާނީ ރޭންކިންގ މެޗުތަކެވެ. ރޭންކިންގ ފުރަތަމަ މެޗުގައި ރާއްޖެ ނިކުންނާނީ ޗައިނީސް ތައިޕޭއާއި ދެކޮޅަށެވެ.