ޓްރެވަލް ޓްރޭޑް މޯލްޑިވްސް ފެއަރގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ބެންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ. މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބީއެމްއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިއަހަރުގެ ޖުލައިމަހު ބާއްވާ ޓީޓީއެމް ފެއަރއަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވަލް އެޖެންޓުންނާއި ގުޅުވާލުމަށް ކުރިޔަށް ގެންދާ ފެއަރއެކެވެ. މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލް ވަނީ ޓީޓީއެމްގައި ކުރިޔަށްގެންދާ ޚާއްސަ ފޯރަމް، "ބީއެމްއެލް ހޮޓެލިއަރ ސަމިޓް މޯލްޑިވްސް 2017" ގެ ޓައިޓަލް ޕާޓްނަރުގެ ގޮތުގައިވެސް ހަމަޖައްސާފައެވެ.
ބީއެމްއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީއެވެ. މޯލްޑިވްސް ގެޓްއަވޭސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމީމް ޢަބްދުލް ރައްޒާޤުއެވެ. ހޮޓެލިއަރ ސަމިޓް މޯލްޑިވްސް ފޯރަމްގައި ޓޫރިޒަމް އިންޑަސްޓްރީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދު ބޮޑެތި ހޮޓެލްތަކުގެ އިސްބޭފުޅުންނާއި އޮޕަރޭޓަރުންގެ މެދުގައި މަޝްވަރާތައް ކުރިޔަށް ގެންދާނެއެވެ.
ސޮއިކުރުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންޑްރޫ ހީލީ ވިދާޅުވީ ދިވެހި ރާއްޖެއަކީ އެންމެ މަތީ ފެންވަރުގެ ޓޫރިސްޓުންގެ މެދުގައި މަޤްބޫލު މަންޒިލެއްކަމަށެވެ. އަދި މި ފެއަރގެ ސަބަބުން އިތުރު މާކެޓްތައް ރާއްޖެއަށް ހުޅުވި ބޭރުގެ ޤައުމުތަކާ އޮންނަ ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެކަމަށް އެންޑްރޫ ވިދާޅުވިއެވެ.
މި ރަސްމިއަޔަތުގައި ވަހަކަދައްކަވަމުން އަހްމީމް ޢަބްދުލް ރައްޒާޤު ވިދާޅުވީ މިއީ ރާއްޖޭގައި ބޭއްވޭ ފުރަތަމަ ޓުރެވަލް ޓުރޭޑް ޝޯވް ކަމަށެވެ. އަދި ޓީޓީއެމްގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ގުޅާލެވޭނެ ކަމަށެވެ.
ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަނޭޝަނަލް ޓްރެވަލް ޓްރޭޑް ފެއަރ، ޓީޓީއެމްގައި ބައިވެރިވުމަށް މިހާތަނަށް ބޭރުގެ 80 އަށްވުރެ ގިނަ ޓްރެވަލް އޭޖެންޓުން ރަޖިސްޓްރީވެފައިވާކަމަށް މޯލްޑިވްސް ގެޓްއަވޭސްއިން ހާމަކުރެއެވެ. ޖުލައި 12 އާއި 13 ވަނަ ދުވަހު ދަރުބާރުގޭގައި ބާއްވާ މި ފެއަރގެ ތެރެއިން ތަފާތު އިތުރު ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހޮޓަލިއަރ ސަމިޓް، ޕާޓާއިން ބާއްވާ ޓްރެނިންގ ހިމެނެއެވެ.
ޓީޓީއެމްގެ ގާލާ ނައިޓް ބާއްވަން ހަމަޖައްސާފައިވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހު، އަދާރަން ހުދުރަންފުށި ރިސޯޓުގައެވެ. ގާލާ ނައިޓުގައި މަޓާޓޯއިން ދޭ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕީޕަލް އެޑިޝަންގެ އެވޯޑު ލިބޭ މީހުން ޢިއުލާން ކުރާނެއެވެ.