ކުޅިވަރު

ޝާޒްއާއެކު 2 އަހަރު ތެރޭގައި ނެޓްބޯޅައަށް އައު ދިރުމެއް!


އައިމިނަތު ޝާޒްލީން ނެޓްބޯޅަ އެސޯސިއޭޝަނާއި ހަވާލުވީ ދިވެހިރާއްޖޭގައި ނެޓްބޯޅަ ވަރަށް ބޮޑަށް ވަޅުޖެހިފައިވާ ދަނޑިވަޅެއްގައެވެ. މަގާމާއި ހަވާލުވުމަށްފަހު ޝާޒްގެ ވަޢުދަކަށްވީ ނެޓްބޯޅަ ކުރިން އޮތް ފޯރި ގެނެސް ނެޓްބޯޅަ އޮންނަން ޖެހޭ ހިސާބަށް ގެންގޮސްދިނުމެވެ.

ފުރަތަމަވެސް އަތުކުރި އޮޅާލީ ނެޓްބޯޅައިގެ ޓެކްނިކަލް ފަރާތްތައް އިތުރުކުރުމާއި ގިނަ މުބާރާތްތަކެއް ބޭއްވުމަށެވެ. އަހަރުގެ ކުޅިވަރު ކަލަންޑަރަށް ގިނަ އައު މުބާރާތްތަކެއް އިތުރުކޮށް އަމްޕަޔަރުންނާއި ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ފެށިއެވެ. މީގެ އިތުރުން ކޮންމެ ކުޅިވަރެއްގެވެސް މުސްތަގްބަލް ބިނާކުރުމަށް މުހިންމު އެއް ބައިކަމަށްވާ ވައިޑީޕީ ޕްރޮގްރާމް ތަޢާރަފްކުރިއެވެ.

150 ވަރަކަށް ކުޅުންތެރިންނާއެކު ފެށި ވައިޑީޕީގައި މިހާރު 400 އަށްވުރެ ގިނަ ކުދިން ތަމްރީންވަމުންދެއެވެ. އެކުދިންނަށް އިރުޝާދު ދެއްވުމަށް 9 ކޯޗަކު ތިބެއެވެ.

ބައިނަލްއަގްވާމީ މުބާރާތްތަކުގައި ގައުމީ ޓީމްތައް ވާދަކުރާ މިންވަރުވެސްވަނީ އިތުރުވެފައެވެ. 2015 އަދި 2017 ވަނަ އަހަރު އޭޝިއަން ޔޫތް ނެޓްބޯޅަ މުބާރާތުގައެވެ. 2016 ވަނަ އަހަރު އޭޝިއަން ޗެމްޕިއަންޝިޕްގައެވެ.

ބައިނަލްއަގްވާމީ އަމްޕަޔަރުން ރާއްޖޭގައި މިހާރު އެބަތިއްބެވެ. މިދިޔަ ދެ އަހަރު ރާއްޖޭގެ އަމްޕަޔަރުންނަށް ބައިނަލްއަގްވާމީ މުބާރާތްތަކުންވެސްވަނީ ފުރުސަތު ލިބިފައެވެ. މީގެ އިތުރުން އިތުރު އަމްޕަޔަރުންނާއި ކޯޗުން ތަމްރީން ކުރުމުގެ ފުރުސަތުތަކެއް ރާއްޖެއަށް ފަހިކޮށްދޭން ޝާޒް އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރައްވަމުން އަންނަކަން ފާހަގަކުރެވެއެވެ.

img:http://s2.psmnews.mv/images/660x400/14945198668529.jpg|

ކުރިއަށް އޮތީވެސް އުއްމީދީ އަހަރުތަކެކެވެ. އޭޝިއަން ނެޓްބޯލް ފެޑެރޭޝަންގެ ނައިބް ރައީސާކަމުގެ މަގާމާއިއެކު ރާއްޖޭގެ ނެޓްބޯޅަ ކުރިއެރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. ރާއްޖޭގެ ނެޓްބޯޅައަށް ލިބިފައިވާ ކުރިއެރުން އޭއެންއެފުން ފާހަގަކުރަނީވެސް އުފަލާއިއެކުގައެވެ.

އޭއެންއެފްގެ ޖެނެރަލް ސެކެޓްރީ ސައިރަސް މެޑޯނާ ފާހަގަކުރައްވާ ގޮތުގައި ޝާޒްއަށްވުރެ އެ މަގާމް ހައްގު މީހެއް ނެތެވެ. އޭޝިޔާގެ ހުރިހާ އެސޯސިއޭޝަނަކަށް ބަލާއިރު ޝާޒްއަކީ އެންމެ ހިންގުންތެރި މީހާ އޭ ބުނުމަކީ ދޮގަކަށް ނުވާނެކަމަށް ސައިރަސް ބުންޏެވެ.

"ޝާޒްލީންއަކީ އޭއެންއެފަށް ލިބޭނެ އެންމެ ރަނގަޅު ނައިބް ރައީސް. އެވަރުގެ ހިންގުންތެރި މީހެން ނެތް. ރާއްޖޭގެ ނެޓްބޯޅަ ކުރިއެރުމަށް ޝާޒް ކުރަމުންދާ މަސައްކަތް އަހަރެން ވަަރަށް ބޮޑަށް ފާހަގަކުރަން"

img:http://s4.psmnews.mv/images/660x400/14945198897660.JPG|

އޭޝިއަން ނެޓްބޯލް ފެޑެރޭޝަން(އޭއެންއެފް)ގެ ނައިބު ރައީސާއަކަށް ދިވެހިރާއްޖޭގެ ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އައިމިނަތު ޝާޒްލީން އިންތިޚާބުކޮށްފައިވަނީ ދެކުނު ކޮރެޔާގައި އޮތް އޭޝިޔަން ނެޓްބޯޅަ ފެޑެރޭޝަންގެ ކޮންގްރެސްގައެވެ. އޭއެންއެފަށް އިންތިޚާބުކުރާ 2 ނައިބް ރައީސުންގެ މަޤާމަށް ޝާޒްލީންއާއިއެކު ވާދަކުރީ ޕާކިސްތާނާއި އޮސްޓްރޭލިޔާއިންނެވެ. ވޯޓްގައި ބައިވެރިވި 12 ގައުމުގެ ތެރެއިން ޝާޒްއަށްވަނީ 9 ގައުމަކުން ތާއީދުކޮށްފައެވެ.

ނެޓްބޯޅަ ކުރިއެރުވުމަށް މަސައްކަތްކުރަމުންދާ ނެޓްބޯޅަ އެސޯސިއޭޝަންގެ ޓީމާއިއެކު ފަހަތުގައި ހުރީ ޝާޒެވެ. އެންމެ 2 އަހަރުގެ ތެރޭގައި އޭނާ މުޅި ނެޓްބޯޅަ އާއިލާ އުފާކޮށްދީފިއެވެ. އޭނާގެ މޭސްތިރިކަމުގެ ދަށުން ޝާޒްވަނީ ނެޓްބޯޅަ ކުޅުންތެރިންނަށް އައު ހިތްވަރެއް ގެންސްދީފައެވެ. ދިވެހި ނެޓްބޯޅައަށް އައު އުއްމީދެއް ގެނެސްދީފައެވެ. ނެޓްބޯޅަ ހިންގުމަށް އައު ދިރުމެއް ގެންސްދީފައެވެ. ގައުމީ ޓީމްތަކާއި އަމްޕަޔަރުންނަށް ގިނަ ފުރުސަތުތަކެއް ހޯދައި ދީފައެވެ.