ޗައިނާގެ ސިލްކް ރޯޑު މަޝްރޫގައި، އޭޝިއާގެ އެކި ޤައުމުތަކާއި އެފްރިކާ ބައްރުގެ ޤައުމުތައްވެސް ހިމެނެއެވެ. މިމަޝްރޫއުގެ ސަބަބުން ވިޔަފާރި ފުޅާކުރުމަށް ޚާއްސަ އުސޫލުތަކެއްގެ ތެރެއިން މުދަލާއި ޚިދުމަތުގެ މުޢާމަލާތްތައް ކުރުމަށް ޤައުމުތަކުގެ މެދުގައި ވަނީ އެއްބަސްވެފައެވެ. ދާދި ފަހުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު، ޗައިނާގެ ޒިންހުއާ ނޫހަށް ދެއްވި އިންޓަރވިއުއެއްގައި ވަނީ ސިލްކް ރޯޑް މަޝްރޫއާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި އިންވެސްޓްކޮށް ބޮޑެތި މަޝްރޫޢުތައް ޗައިނާގެ ކުންފުނިތަކުން ހިންގަމުންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޗައިނާއަކީ ރާއްޖެއަށް މިހާރުވެސް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. އެހެން ނަމަވެސް ހުސްވި އަހަރު ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ދަށްވެފައެވެ. މިއާއެކު ރާއްޖެއިން ވަނީ ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ޙާއްސަ މަސައްކަތްތަކެއް ފަށާފައެވެ.
މިހާރު އަހަރެއްގެ މައްޗަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރަނީ ހަތަރުސަތޭކަ ހާސް ފަތުރުވެރިންނެވެ.