ޚަބަރު

"ރައީސް ޔާމީން ދޫކޮށް ނުލައްވާނެކަމަށް ނަޝީދު ވިދާޅުވި"


ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދޫލް ޤައްޔޫމް ހައްޔަރުކުރެއްވުމަށްފަހު އެމަނިކުފާނު ދޫނުކުރައްވާނެކަމަށް ނަޝީދު ވިދާޅުވިކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.

ދައުލަތުން މިހެން ވިދާޅުވީ ރައީސް ޔާމިން ހައްޔަރުކުރެއްވި މައްސަލާގައި އޭރުގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލްގެ މައްޗަށް ދައުލަތުން ދައުވާ ކުރާ މައްސަލައިގައި ހެކި ހުށަހަޅުއްވަމުންނެވެ. މިމައްސަލާގައި އަމީން ފައިސަލާއި ދެކޮޅަށް ދައުލަތުން ސިއްރު ހެކީގެ ގޮތުގައި ދެ މީހަކު ހުށައަޅުއްވާފައިވާއިރު މިތަނުން އެކަކާ ހަވާލާދީ ދައުލަތުގެ ވަކީލް ވިދާޅުވީ އޭރު މެމްބަރަކަށް ހުންނެވި ރައީސް ޔާމީން ދޫކޮށްނުލާނެކަމަށް ނަޝީދު ވިދާޅުވިކަމަށެވެ. އަދި ނަޝީދު މިގޮތަށް ވިދާޅުވީ ރައީސް ޔާމީން ހައްޔަރު ކުރައްވާފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށާއި އެމަނިކުފާނު ދޫކޮށް ނުލައްވައިފިނަމަ ނަޝީދުގެ މައްޗަށް ދަޢުވާ ކުރާނެކަމަށް އޭރު ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވި ވާހަކަ ހެކިވެރިޔާ ގޮސް ރައީސް ނަޝީދު އަރިހުގައި ބުނުމުންކަމަށެވެ.

ދައުލަތުން އަމީން ފައިސަލާއި ދެކޮޅަށް ހުށައެޅި އަނެއް ހެކިވެރިޔާ ހުށައަޅާފައިވަނީ ޔާމީން ހައްޔަރުކުރުމަށް އަމީން ފައިސަލް އަމުރުކުރެއްވިކަން ސާބިތުކޮށްދެއްވުމުގެ ގޮތުންނެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ ޔާމީން އޭރުގެ މަޖިލިސް މެމްބަރު އަހުމަދު ނާޒިމްގެ ގޭގައި ހުންނަވަނިކޮށް ދޮރު ނުހުޅުވައިފިނަމަ ދޮރު ވައްޓަލައިގެންވެސް ޔާމީން އާ ރަށަށް ގެންދަވާނެކަމަށް އަމީން ފައިސަލް ވިދާޅުވި އަޑު ހެކިވެރިޔާއަށް އިވިފައިވާކަމަށެވެ. މި މައްސަލާގައި ސިއްރު ދެ ހެކީގެ އިތުރުން ރައީސް ޔާމީން ހައްޔަރުކުރެއްވުމަށް އޭރު ހިންގެވި އޮޕަރޭޝަން ރިޕޯޓާއި އެނޫންވެސް ބައެއް ލިޔެކިޔުންތައް ހުށައަޅުއްވާފައިވެއެވެ.

img:http://s4.psmnews.mv/images/660x400/14641022628037.jpg|ކްރިމިނަލް ކޯޓް -ފައިލް ފޮޓޯ: ޕީއެސްއެމް

ދައުލަތުން އަމީން ފައިސަލާއި ދެކޮޅަށް ކުރައްވާ މި ދައުވާގައި އަމީން ފައިސަލްވެސް ވަނީ ދިފާއުގައި ބައެއް ހެކިންގެ ނަން ހުށައަޅުއްވާފައެވެ. މިގޮތުން ރައީސް ޔާމީނާއި އޭރުގެ ޗީފް އޮފް ޑިފެންސް ފޯރސް މޫސާ އަލީ ޖަލީލްގެ އިތުރުން އޭރު ސިފައިންގޭގައި ލީގަލް އިސްވެރިޔަކަށް ހުރި މީހާގެ ނަންވެސް ހުށައަޅާފައިވެއެވެ.

ސިއްޙި ފަރުވާއަކަށްޓަކައި ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަކަށް އަމީން ފައިސަލް މިއަދު ކޯޓުގައި އެދިވަޑައިގެންފައިވެއެވެ. މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އަމީން ފައިސަލް ހުށައަޅުއްވާފައިވާ ލިޔެކިޔުންތަކަށް ބެއްލެވުމަށްފަހު އެކަމުގައި ގޮތެއް ނިންމަވާނެކަމަށެވެ.

މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މުލަކު އަތޮޅު މެމްބަރުކަމުގައި ހުންނަވަނިކޮށް ޤާނޫނާއި ހިލާފަށް ހައްޔަރުކުރި މައްސަލާގައި ދައުލަތުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށްވެސް ދައުވާ އުފުއްލަވާފައެވެ. އެހެންނަމަވެސް މިމައްސަލައިގެ އަޑުއެހުމަށް ނަޝީދު ހާޒިރުކުރެވިފައި ނުވާތީ މި މައްސަލައިގެ އަޑުއެހުމެއް އަދި މިހާތަނަށް ބޭއްވިފައެއް ނުވެއެވެ.

ރައީސް ޔާމީން ހައްޔަރުކުރެއްވި މައްސަލާގައި ދައުލަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރައްވާފައިވާއިރު ކުރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު، ޤާނޫނާއި ޚިލާފަށް ހައްޔަރުކުރި މައްސަލަ ސާބިތުވެ ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.