ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭ ގެ ލީޑަރ އަޙްމަދު ޞިޔާމް މުޙައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރާއްޖެއަށް ބަނގުރާ އެތެރެކުރުމުގެ ކުށުގެ ދައުވާއަށް އޭނާ އިންކާރުކޮށްފިއެވެ.
ކްރިމިންލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި ދައުލަތުގެ ފަރާތުން މައްސަލަ ހުށަހަޅަމަން ދައުލަތުގެ ވަކީލް ވިދާޅުވީ 2012 ވަނަ އަހަރުގެ މާރޗް މަހު 30 ވަނަ ދުވަހު ޞިޔާމް ރާއްޖެ ވަޑައިގަތުމުން، ކަސްޓަންސްއިން އޭނާގެ ލަގެޖް ސްކްރީން ކުރިކަމަށާއި، އަދި ލަގެޖްތެރޭގައި ދިޔާއެއްޗެއްހުރި ފުޅިއެއް އޮތްކަމަށް ދެއްކިކަމަށެވެ. އަދި އެފުޅީގައި ހުރި ދިޔާ ތަކެތި ބަނގުރަލަށް ޝައްކުކުރެވިގެން ބެލުމުން ބަނގުރަލުގެ ބާވަތަކަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އެހެންކަމުން ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތި ޤަވާއިދާއި ޚިލާފަށް އެތެރެކުރިކަމުގެ ދައުވާ ޞިޔާމްގެ މައްޗަށް އުފުލާކަމަށް ދައުލަތުގެ ދައުވާގައި ބުނެފައިވެއެވެ.
ދައުވާއަށް ޖަވާބުދާރީވަމުން ޞިޔާމް ވިދާޅުވީ ދައުވާ ސާފު ކަމަށާއި، ދައުވާއަށް އިންކާރު ކުރާކަމަށެވެ. ޞިޔާމްގެ ވަކީލް ވިދާޅުވީ އޭނާ ރާއްޖޭގައި ނުޅޫއްވުމުގެ ސަބަބުން ލިއުންތައް ދިރާސާ ކުރުމަށް ފުރުސަތު ލިބިފައި ނުވާކަމަށެވެ. އެހެންކަމުން އެފުރުސަތު ދިނުމަށް ވަކީލް އެދުނެވެ. މައްސަލަ ބައްލަވާ ކޯޓުގެ ގާޒީ ވިދާޅުވީ އެފުރުސަތު ޞިޔާމަށް ދޭކަމަށާއި، އަންނަމަހުގެ ދިހަވަނަ ދުވަހު ބާއްވާ ޝަރީއަތުގައި އޮންނާނީ ޞިޔާމް ގެ ފަރާތުން ދައުވާއަށް ޖަވާބުދާރިވުންކަމަށެވެ. މިއަދުގެ ޝަރީއަތަށް ޞިޔާމް ހާޒިރުކޮށްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެންނެވެ.
ބަނގުރާ އެތެރެކުރިކަމުގެ ކުށް ޞިޔާމް ގެ މައްޗަށް ސާބިތުވެއްޖެނަމަ، އަދަބަކީ އެއްއަހަރާއި ތިން އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުން، ނުވަތަ އެއްހާސް ރުފިޔާއާއި، ފަސްހާސް ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.