ސިޔާސީ

މަޖިލީހުގެ އިންތިހާބްގެ ވޯޓަރސް ލިސްޓްގައި ސޮއިކުރަން ފަށައިފި


 


 


މިމަހުގެ ބާވީސްވަނަދުވަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބްގެ ވޯޓަރސް ލިސްޓްގައި ސޮއިކުރަން ފަށައިފިއެވެ.


 
މިއަދު ހެނދުނު އަށްގަޑި ތިރީހުން ފެށިގެން ވޯޓަރސް ލިސްޓްގައި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ ދަރުބާރުގޭ ފަށާނާ މާލަމުގައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ލިސްޓްތަކުގައި ސޮއިކުރުން އޮންނާނީ މިއަދު ހެނދުނު އަށްގަޑި ތިރީހުން ހެނދުނު އެގާރަޔަށް އަދި މެންދުރުފަހު ދެގަޑި ތިރީހުން ރޭގަނޑު  ދިހަގަޑި ތިރީހަށް ކަމަށެވެ.


 
މީގެއިތުރުން މާދަމާ ހެދުނު އަށްގަޑި ތިރީހުން ރޭގަނޑު ދިހަގަޑި ތިރީހަށްވެސް ސޮއިކުރުން ކުރިޔަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ޕާޓީތަކުން ބައިވެރިވާ ކެނޑިޑޭޓުން މިއަދު މެންދުރުފަހު ލިސްޓްތަކުގައި ސޮއިކުރަން ވަޑާއިގަންނަވާނެކަން ޕާޓީތަކުން އަންގާފައިވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ކެންޑިޑޭޓުންގެ ބަދަލުގައި މަންދޫބަކު  ސޮއިކުރަންވަން ވަޑައިގަންނަވާނަމަ ކެންޑިޑޭޓްގެ ސިޓީއެއް ގެންނަވަންވާނެ ކަމަށާއި ޕާޓީއެއް ތަމްސީލުކުރާ ކެންޑިޑޭޓެއްނަމަ އެ ޕާޓީއަކުން ސޮއިކުރައްވަން އައްޔަންކުރައްވާ ފަރާތެއް ޕާޓީގެ ސިއްކަ ޖެހި ސިޓީއެއް ގެންނަންވާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.


  
އަށްޑިހަ ފަސް ދާއިރާއަކަށް މެމްބަރުން ހޮވުމަށް މިމަހުގެ ބާވީސްވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިންސަތޭކަ ދެ ކެންޑިޑޭޓުން ވާދަކުރެއެވެ. މިގޮތުން އަށްޑިހަ ފަސްދާއިރާއަށް އެމްޑީޕީން ވާދަކުރާއިރު ޕީޕީއެމްއިން ފަންސާސް ދާއިރާއެއްގައި ވާދަކުރެއެވެ. ޖުމްހޫރީ ޕާޓީން އަށާވީސް ގޮނޑިއަށް ވާދަކުރާއިރު އެމްޑީއޭއިން ހަތް ގޮނޑިއަށް، އަދާލަތުން ބާރަ ގޮނޑިއަށް، އަދި ޑީއާރްޕީން ހަ ގޮނޑިއަކަށް ވާދަކުރެއެވެ. އަދި އަމިއްލަ ގޮތުން ސަތޭކަ ސާދަ ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރެއެވެ.