ޚަބަރު

އަގުބޮޑުކޮށް ކާޑުގެ ބާވަތްތައް ވިއްކާކަމުގެ ޝަކުވާ ދަނީ ލިބެމުން


އަގު ކޮންޓްރޯލްކޮށްފައިވާ ކާޑުގެ ބާވަތްތައް ކަމަށްވާ ހަނޑޫ، ހަކުރު، ގޮދަން ފުށް، މާލެއާއި އަތޮޅުތަކުގެ ބައެއް ފިހާރަތަކުން ކޮންޓްރޯލް އަގަށްވުރެ ބޮޑުއަގުގައި ވިއްކަމުންދާކަމުގެ ޝަކުވާ ލިބޭކަމަށް އިކޮނޮމިކް ނިސްޓްރީން ހާމަކުރައްވައިފިއެވެ.

މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން އަގު ކޮންޓްރޯލްކުރެވޭ އެއްވެސް މުދަލެއް ކޮންޓްރޯލް އަގަށްވުރެ ބޮޑު އަގަކަށް ވިއްކުމަކީ މަނާކަމެކެވެ. ކާޑުގެ ބާވަތްތައް ކޮންޓްރޯލް އަގަށްވުރެ ބޮޑުއަގުގައި ނުވިއްކުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަތޮޅުތަކުގައި ކާޑުގެ ބާވަތްތައް ވިއްކޭނެ އެންމެ ބޮޑުއަގު ކަނޑައަޅުއްވައި ހުސްވި މޭމަހު އިކޮނޮމިކް މިނިސްޓްރީން ވަނީ އެއަގުތައް އާއްމުކުރައްވާފައެވެ. އެގޮތުން ޒޯން އެކެއްގައި ހިމެނޭ އަތޮޅުތަކުގައި އާދައިގެ ހަނޑޫ ކިލޯއެއް ވިއްކޭނެ ކޮންޓްރޯލް އަގަކީ ހަތް ރުފިޔާ ހަތްދިހައަށް ލާރެވެ. ޒޯން ދޭއްގެ އަތޮޅުތަކުގައި އާދައިގެ ހަނޑޫ ކިލޯއެއް ވިއްކޭނީ ހަތް ރުފިޔާ ފަންސާސް އަށްލާރިއަށެވެ. ޒޯން ތިނެއްގެ އަތޮޅުތަކުގައި އާދައިގެ ހަނޑޫ ކިލޯއެއް ވިއްކޭނެ ކޮންޓްރޯލް އަގަކީ ހަތް ރުފިޔާ ނުވަދިހަ ހަތް ލާރިއެވެ.

ޒޯން އެކެއްގައި ހިމެނޭ އަތޮޅުތަކުގައި ހަކުރު ކިލޯއެއް ވިއްކޭނެ ކޮންޓްރޯލްއަގަކީ ހަތްރުފިޔާ އަށްޑިހަ ދެ ލާރިއެވެ. ޒޯން ދޭއްގެ އަތޮޅުތަކުގައި ހަކުރު ކިލޯއެއް ވިއްކޭނެ ކޮންޓްރޯލްއަގަކީ ހަތްރުފިޔާ ފަސްދޮޅަސް ދެ ލާރިއެވެ. އަދި ޒޯން ތިނެއްގެ އަތޮޅުތަކުގައި ހަކުރު ކިލޯއެއް ވިއްކޭނެ ކޮންޓްރޯލްއަގަކީ އަށް ރުފިޔާ އެއް ލާރިއެވެ.

ޒޯން އެކެއްގައި ހިމެނޭ އަތޮޅުތަކުގައި އާދައިގެ ގޮދަން ފުށް ކިލޯއެއް ވިއްކޭނެ ކޮންޓްރޯލްއަގަކީ ހަ ރުފިޔާ އަށާވީސް ލާރިއެވެ. ޒޯން ދޭއްގައި ހިމެނޭ އަތޮޅުތަކުގައި އާދައިގެ ގޮދަން ފުށް ކިލޯއެއް ވިއްކޭނެ ކޮންޓްރޯލްއަގަކީ ހަ ރުފިޔާ އަށް ލާރިއެވެ.

މީގެއިތުރުން ޒޯން ތިނެއްގައި ހިމެނޭ އަތޮޅުތަކުގައި އާދައިގެ ގޮދަން ފުށް ކިލޯއެއް ވިއްކޭނެ ކޮންޓްރޯލްއަގަކީ ހަ ރުފިޔާ ސާޅީސް ހަތްލާރިއެވެ. ކާޑުގެ ބާވަތްތައް ކޮންޓްރޯލް އަގަށްވުރެ ބޮޑުއަގުގައި ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކޮންޓްރޯލް އަގަށްވުރެ ބޮޑުކޮށް ވިއްކާ ފަރާތްތަކުގެ މަޢުލޫމާތު ޙިއްސާކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ޢާއްމުންގެ ކިބައިން އެދިވަޑައިގެންފައެވެ.