ޚަބަރު

ޔާމީންގެ މަރުގެ މައްސަލާގައި ހިމެނޭ މީހުންގެ ފޮޓޯ ޢާއްމުކޮށްފި


ސ. ފޭދޫ، ޗަނބޭލީގެ ޔާމީން ރަޝީދު މަރާލި މައްސަލައިގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުންގެ ފޮޓޯ އާއި މަޢުލޫމާތު ފުލުހުން ޢާއްމުކޮށްފިއެވެ. 

މީގެ އިރުކޮޅެއް ކުރިން ފުލުހުން ޢާއްމުކުރި ބަޔާނެއްގައިވަނީ މިދިޔަ އެޕްރީލްމަހުގެ 23 ވަނަދުވަހުގެ ދަންވަރުގެ ވަގުތެއްގައި ކ.މާލެ/ މ.ސްޕެޓިއުލްގޭގެ ސިޑިގޮޅި ކައިރީގައި ޒަޚަމްތަކަކާއެކު އޮއްވާ ފެނުނު ސ.ފޭދޫ ޗަނބޭލީގެ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހްޤީގަށް ޖުމުލަ 7 މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބިކަމަށެވެ. 

އަދި ޢަމަލީގޮތުން ޔާމީން ރަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވި މީހުންނަކީ މ.ޠާއިފް، ޢުމުރުން 25 އަހަރުގެ އިސްމާޢީލް ރަޝީދާއި، ހ.އަންނާރުމާގެ ޢުމުރުން 21 އަހަރުގެ އިސްމާޢީލް ހައިޝަމް ރަޝީދާއި، މ.އިރާސްމިކުގެ ޢުމުރުން 22 އަހަރުގެ އަޙްމަދު ޒިހާން އިސްމާޢީލް ކަމަށް ފުލުހުންގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ. މިމީހުންގެ ފޮޓޯވެސް ފުލުހުންވަނީ މިހާރު ޢާއްމުކޮށްފައެވެ.މިމީހުންގެ ތެރެއިން މީގެތެރެއިން ހ.އަންނާރުމާގެ ޢުމުރުން 21 އަހަރުގެ އިސްމާޢީލް ހައިޝަމް ރަޝީދަކީ ހަތިޔާރު ބޭނުންކޮށްގެން ފޭރުމުގެ ކުށުގެ ރިކޯޑް އޮތް މީހެއްކަމަށް ފުލުހުން ބުނެއެވެ. އަދި ފޭރުމުގެ މައްސަލައެއްގައި އޭނާގެމައްޗަށް ހުކުމެއް ތަންފީޒުކޮށްފައިވާކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

އަދި މިރޭ ފުލުހުން ފޮޓޯ ޢާއްމުކުރި މ.ޠާއިފް، ޢުމުރުން 25 އަހަރުގެ އިސްމާޢީލް ރަޝީދަކީ ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގެ ރެކޯޑް އޮތް މީހެއްކަމަށްވެސް ފުލުހުންވަނީ ހާމަކޮށްފައެވެ.ޔާމީން ރަޝީދު މަރާލި މައްސަލަ ފުލުހުންނަށް ފުލުހުންނަށް ރިޕޯޓުކުރި ވަގުތުންފެށިގެން ފުލުހުންގެ ޚާއްސަ ޓީމަކުން މިކަން ތަހްޤީގުކުރުމަށް ތަހްޤީގަށް ބޭނުންވާ ހެއްކާއި ޤަރީނާ ހޯދުމަށް މަސައްކަތްކުރަމުންދާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. އެގޮތުން މާލޭ އެކި ސަރަހައްދުތަކުގައި ހުރި ސީސީޓީވީ ފުޓޭޖާއި މާލޭގެ މަގުމަތީގައި ހަރުކޮށްފައިވާ ފުލުހުންގެ ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖްތައް ހިމެނޭ ގޮތަށް ޖުމްލަ 1850 ގަޑިއިރަށްވުރެ ގިނަ ވަގުތުގެ ސީސީޓީވީ ފުޓޭޖް އެނަލައިޒްކޮށް ބަލާފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އަދި މީގެ އިތުރުން 20 އަހަރާއި 40 އަހަރާ ދެމެދުގެ 40،000 އަށްވުރެ ގިނަ މީހުންގެ ފޮޓޯތައް ބަލައި އެނަލައިޒްކޮށްފައިވާ ކަމަށާ، އަދި ސަރުކާރުގެ އެކި އިދާރާތަކުގެ ޑޭޓާ ބޭސްތައް މެދުވެރިކޮށް ވެސް ގިނަ މައުލޫމާތުތަކެއް ހޯދައި މިކަމުގައި އިސްކޮށް ތިބި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް ފުލުހުންވަނީ މިރޭ ހާމަކޮށްފައެވެ. 

ބްލޮގަރ އެއްގެގޮތުގައި މަޝްހޫރުވެފައިވާ ޔާމީން ރަޝީދު މަރާލާފައި އޮއްވައި މިދިޔަ އެޕްރީލްމަހުގެ 23 ވަނަދުވަހުގެ ދަންވަރުގެ ވަގުތެއްގައި ފެނުނީ އޭނާ ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި އޮއްވައެވެ.