ޗައިނާގެ ޔުނާން ޕްރޮވިންސުގައި ރާއްޖޭގެ އޮފީހެއް ހުޅުވުމަށް މަސައްކަތްކުރަމުން ގެންދަވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އެގޮތުން ޔުނާން ޕްރޮވިންސްގައި ހުޅުވާނީ ރާއްޖޭގެ ޓްރޭޑް އޮފީހެއްތޯ ނުވަތަ ރާއްޖޭގެ ކޮންސިއުލޭޓު އޮފީހެއްތޯ ނިންމުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން މައުލޫމަތުދެއެވެ.
ޔުނާންސް ޕްރޮވިންސްއަކީ ގިނަ ޢަދަދަކަށް ރާއްޖެއަށް ތަރުކާރީއާއި މޭވާއާއި މާމެލާމެލި އެތެރެކުރާ ޤައުމަކަށްވުމުން، މި ފަދަ ޓްރޭޑް އޮފީހެއްގެ ބޭނުން ޖެހިފައިވާކަން އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރައްވައެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީގު ވިދާޅުވީ ދާދި ފަހުން ޔުނާން ޕްރޮވިންސްގެ ކުންމިންއަށް ކުރި ދަތުރުގައިވެސް އެކަމާއި ގުޅޭގޮތުން އެޤައުމުގެ ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކުރެއްވި ކަމަށެވެ.
ޔުނާން ޕްރޮވިންސްއަކީ ގިނަ ޢަދަދެއްގެ ދިވެހިދަރިވަރުން މަތީ ތަޢުލީމް ޙާސިލްކުރަމުންދާ ހިސާބަކަށް ވުމުންނެވެ. މިފަދަ އޮފީހެއްގެ ބޭނުން ޖެހިފައިވާ ކަން ތައުފީޤު ފާހަގަކުރެއްވިއެވެ.