ޤައުމުން ބޭރަށް ޗުއްޓީ ހޭދަކުރުމަށްދާ އިޓަލީގެ ފަތުރުވެރިންގެ އަދަދު މިއަހަރު އިތުރުވާނެ ކަމަށާއި ޖަޒީރާ ޤައުމެއްގައި ޗުއްޓީ ހޭދަކުރަން ބޭނުންވާ މީހުންގެ މެދުގައި އެންމެ މަޤްބޫލް މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް އިޓަލީގައި ކުރިއަށްގެންދިޔަ ސަރވޭއަކުން ދައްކައިފިއެވެ.
އިޓަލީގެ ރިސަރޗް ސެންޓަރުތަކާއި އިޓާލިއާނީ ޑޮޓް ކޫޕު އިން ކުރިއަށްގެންދިޔަ ސާވޭއިން ދައްކާގޮތުން މިއަހަރުގެ ހޫނު މޫސުމުގައި ޤައުމުން ބޭރަށް ޗުއްޓީ ހޭދަކުރުމަށްދާ ފަތުރުވެރިންގެ އަދަދު ހުސްވި އަހަރާ އަޅާ ބަލާއިރު ދިހައެއް އިންސައްތަ އިތުރުވާނޭކަމަށެވެ.
މިއީ ފާއިތުވި އަހަރުތަކާ އަޅާ ބަލާއިރު ޤައުމުން ބޭރަށް ޗުއްޓީ ހޭދަކުރުމަށްދާ އިޓަލީގެ މީހުންގެ އަދަދަށް މިހާ ބޮޑު ކުރިއެރުމެއް ލިބޭ ފުރަތަމަ ފަހަރެވެ. މި ސާވޭއިން ދައްކާގޮތުން، ހޫނު މޫސުމުގައި ޗުއްޓީއަކަށް ދާން ރާވާފައިވާ މީހުންގެ އަދަދުވަނީ ނުވައެއް އިންސައްތަ އިތުރުވެފައެވެ.
އިޓަލީ އަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެތެރޭ އިޓަލީން ރާއްޖެއަށް ސާޅީސް ހަތަރުހާހަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު ހަތާވީސް އިންސައްތަ އިތުރު އަދަދެކެވެ.