ކުޅިވަރު

3 ޕޮއިންޓްގެ ލީޑެއް ނަގަން ލިބުނު ފުރުސަތު މާޒިޔާއަށް ގެއްލިއްޖެ


އެސްޓީއޯ މާލޭ ލީގު ތާވަލްގެ އެންމެ ކުރިން ތިންޕޮއިންޓްގެ ލީޑެއް ނަގަން ލިބުނު ފުރުޞަތު މާޒިޔާއަށް ގެއްލިއްޖެއެވެ. 

ލީގުގެ އެންމެ ކުރީގައި އޮތް މާޒިޔާއާއި ތާވަލްގެ ފުލުގައި އޮތް ކްލަބް ވެލެންސިޔާ މިއަދު ބައްދަލުކުރި މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެގެންނެވެ. މެޗްގައި ދެޓީމަށް ވެސްވަނީ ލަނޑުޖަހާނެ ފުރުޞަތު ލިބިފައެވެ. ޚާއްސަކޮށް މާޒިޔާއިން އުފެއްދި ގިނަ ޙަމަލާތައް ހުއްޓުވުމުގައި ވެލެންސިޔާގެ ގޯލް ކީޕަރ ފައިސަލް މުހިންމު ދައުރެއް އަދާކުރިކަން ފާހަގަކޮށްލަންޖެހެއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ލިބުނީ ފައިސަލްއަށެވެ. 



މިއަދުގެ މެޗް އެއްވަރުވުމާއެކު މާޒިޔާއާއި ނިއުރޭޑިއަންޓާ ދެމެދު އޮތް ފަރަޤު މިހާރުވަނީ އެއްޕޮއިންޓަށް ހަނިވެފައެވެ. އަނެއްކޮޅުން މިއަދު ލިބުނު ޕޮއިންޓާއެކު، ބައިކޮޅަށް ވަތް ގޯލްގެ ތަފާތުން ކްލަބް ވެލެންސިޔާވަނީ ތާވަލްގެ ހަތްވަނައަށް ޖެހިލާފައެވެ. ވެލެންސިޔާއަށް މިހާރު ލިބިފައިވަނީ ޖުމްލަ ތިންޕޮއިންޓެވެ.



 މެޗަށްފަހު މާޒިޔާގެ ކޯޗް މަރްޔާން ސެކުލޮސްކީބުނީ މެޗުން މޮޅުވުމަށް މާޒިޔާގެ ކުޅުންތެރިން 100 ޕަސަންޓް ދިންކަމަށާއި ނަމަވެސް ލަނޑެއް  ޖެހޭގޮތްނުވީކަމަށެވެ. މެޗްތެރެއިން ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހުން ފާޅުކުރި ސެކުލޮސްކީބުނީ ހިތްހަމަނުޖެހޭ ބައިވަރު ކަންކަން ހިނަގަމުން އަންނަ ކަމަށާއި މިފަހުން ކުޅުނު ކޮންމެ މެޗެއްގައިވެސް އެފަދަ ކަންކަން ފެންނަ ކަމަށެވެ. ސީޒަންގެ ކުރީކޮޅު ކައިރިކައިރީގައި ގިނަ މެޗްތަކެއް ކުޅެންޖެހުމުން އެކަމުގެ އަސަރު މިހާރު ކުޅުންތެރިންގެ ފަރާތުން ފެންނަކަމަށްވެސް ކޯޗް ސެކުލޮސްކީ ބުންޏެވެ.



" އަހަރެންގެ ކުޅުންތެރިން ކުރި ބުރަ މަސައްކަތަށް އަހަރެން ތަޢުރީފްކުރަން. ސީޒަންގެ މިހާހިސާބަށް އައި އިރު ކުޅުންތެރިންތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައި. ނަމަވެސް ދަނޑަށްއަރާ އެދައްކާ ހިތްވަރަށް ޝުކުރު އަދާކުރަން. ހިތްހަމަނުޖެހޭ ވަރަށް ބައިވަރު ކަންކަން އެބަހުރި. މެޗްތެރޭގައި ހިނގާ ކަންކަން ނިންމުމުގައި ތަފާތު ކުރުންތައް ގެންގުޅޭކަން ފާހަގަކުރަން". މާޒިޔާގެ ކޯޗް މަރްޔާން ސެކުލޮސްކީބުންޏެވެ.



ކްލަބް ވެލެންސިޔާގެ ކޯޗް އަޙްމަދު މުޖުތަބާ (ފެސްކޯ)ބުނީ ލީގުގެ އެންމެ ކުރީގައި އޮތް ޓީމްއަތުން މިޙާލަތުގައި ޕޮއިންޓެއް ލިބުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް. ސީޒަން ފެށުނީއްސުރެ ވެލެންސިޔާއަށް ކުރިމަތިލާންޖެހުނީ އެންމެ ކަމެއް ކަމަށާއި އެއީ ލަނޑު ނުޖެހުމުގެ މައްސަލަ ކަމަށް ފެސްކޯބުންޏެވެ.



" ޗެރިޓީ ޝީލްޑް މެޗްވެސް މާޒިޔާ ކާމިޔާބުކުރީ އެކެއް ސުމަކުން. ލީގުގައި އެންމެ ފަހުން ކުޅުނު މެޗްވެސް މާޒިޔާ ކުރިހޯދީ އެކެއް ސުމަކުން. މިމެޗް މި ނިމުނީ އެއްވަރުވެގެން. އެހެންވީމަ އެބަ އިނގޭ އަޅުގަނޑުމެންގެ އުޅެނީ ހަމަ އެންމެ މައްސަލައެއްކަން. އެއީ ލަނޑު ނުޖެހުމުގެ މައްސަލަކަން. އެކަން ޙައްލުކުރެވުނުނަމަ މިއަދު ވެލެންސިޔާ އޮންނާނީ މިޙާލަތަކުވެސްނޫން. " ވެލެންސިޔާގެ ކޯޗް ފެސްކޯ ބުންޏެވެ.



މާލޭ ލީގު ތާވަލްގެ ފުލުގައި މިހާރު އޮތީ ޔުނައިޓެޑް ވިކްޓްރީއެވެ. އޭޕްރީލް ތޭވީހުގެ ފަހުން ތާވަލްގެ ފުލުން ވެލެންސިޔާ ކުރިޔަށްޖެހިލި މީ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލަންޖެހެއެވެ.