އެޑިއުކޭޝަން މިނިސްޓްރީން ފަށްޓަވާފައިވާ ދަސްވާރު ޕްރޮގްރާމްގައި ހިމެނޭ ފަތުރުވެރިކަމުގެ ދާއިރާއިރާގެ ތަމްރީން ސެޝަންތައް ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީއާއި ހޮޓެލް ޖެންއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ވާހަކަދައްކަވަމުން ޓިވެޓް އޮތޯރިޓީގެ ޗީފް އެކްޒެކެޓިވް އޮފިސަރ ޑރ.ޢަބްދުލް ހަންނާނު ވިދާޅުވީ ދަސްވާރު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ކުންފުނިތަކާއި އެހެނިހެން މުއައްސަސާތަކުންވެސް އެހީތެރިވާކަމަށެވެ. މި ޕްރޮގްރާމްގައި މާލެއާއި އަތޮޅުތަކުން މިދިޔަ ދެއަހަރުދުވަހުގެތެރޭގައި ހާހަކަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާކަމަށްވެސް ހަންނަނު ވިދާޅުވިއެވެ.
2014 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ފެށްޓެވި ދަސްވާރު ޕްރޮގްރާމަކީ ގްރޭޑް ދިހައެއްގައި ތަޢުލީމް ޙާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން މަސައްކަތާއި ހުނަރު ދަސްކުރަން ބޭނުންވާ ދަރިވަރުންނަށް އަމާޒުކުރައްވައިގެން އެޑިއުކޭޝަން މިނިސްޓްރީން ހިންގަވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ސާޅީހަށްވުރެ ގިނަ ކޯސް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދެއެވެ. އެއްވެސް ކުއްޖަކު ބާކީނުކޮށް ތަޢުލީމް ދިނުމުގެ ސިޔާސަތުގެ ދަށުން ދަރިވަރުންނަށް އިތުރު ފަހި ފުރުޞަތުތަކެއް ތަނަވަސްކޮށްދެއްވުމަށް ހިންގަވާ ދަސްވާރު ޕްރޮގްރާމްގައި ދަރިވަރުން ޚިޔާރުކުރާ ދާއިރާއަކުން ތަމްރީނުވުމުގެ ފުރުޞަތު ލިބެއެވެ.