ޓުއަރިޒަމް

2 މިލިއަން ފަތުރުވެރިން ގެނައުމަށް އެހީތެރިވެދޭނަން- ބީއެމްއެލް


ރާއްޖެއަށް އަހަރަކު ދެ މިލިއަން ފަތުރުވެރިން ގެނައުމަށްކުރާ މަސައްކަތުގައި ޓޫރިޒަމް ސިނާއަތަށް އެހީތެރިކަން ދެމުންގެންދާނެކަމަށް ބޭންކް އޮފް މޯލްޑިވްސުން ބުނެފިއެވެ. 

ޓްރެވަލް ޓްރޭޑް މޯލްޑިވްސް ފެއާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހި ޤައުމީ ބޭންކް، ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، ދެހާސް ވިހިވަނަ އަހަރުގެ ކުރިން އަހަރަކު ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ޓޫރިޒަމް އިންޑަސްޓްރީން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް އެ ބޭންކުން އެހީތެރިވެދޭނޭކަމަށެވެ.

ޓޫރިޒަމް ދާއިރާއަށް ބީއެމްއެލްއިން ދެމުންގެންދާ ސަމާލުކަމަށް އަލިއަޅުވާލަމުން އެންޑްރޫ ހީލީ ވިދާޅުވީ ޓޫރިޒަމް ވިޔަފާރީގެ ކުރިއެރުމަށް އެ ބޭންކުން ފަންޑްކޮށްދިނުމާއި ކާޑުގެ ޚިދުމަތާއި ޕޭމަންޓްގޭޓްވޭގެ ހިދުމަތް މިހާރުވެސް ދެމުންގެންދާކަމަށެވެ. ބީއެމްއެލްއިން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށްކަމަށްވެސް ހީލީ ވިދާޅުވިއެވެ.

ބީއެމްއެލް ހޮޓެލިއަރ ސަމިޓުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްކުރާ އެންމެން އެއްތާކުން ބައްދަލުވެ އެ ދާއިރާ އިތުރަށް ފުޅާކުރުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.