މިދިޔަ މަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިދިޔަ މަހުގެ ސޯޅައިން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ ހަތަރުހާސް ނުވަސަތޭކަ ސާޅީސް ހަތަރު ރުފިޔާ ސާޅީސް ފަސްލާރި ކަމަށެވެ. މީ އޭގެ ކުރިން ހުރި އަދަދަށްވުރެ ގާތްގަޑަކަށް ސަތޭކެ ރުފިޔާގެ އިތުރު އަދަދެކެވެ.
މީގެކުރިން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ ހަތަރުހާސް އަށްސަތޭކަ ސާޅީށް ހަތް ރުފިޔާ ފަސްދޮޅަސް ހަތަރު ލާރިކަމަށެވެ. މުދަލު ޒަކާތުގެ ނިޞާބު ވާޖިބުވާ މިންވަރު ކޮންމެ ހަމަހަކުން ރިވައިޒްކޮށް ބަދަލު ގެންނަން ޖެހޭ ހާލަތުގައި ބަދަލު ގެންނަކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ޙިޖްރީ ގޮތުން އަހަރެއްވުމުން އޭގެ ދޭއް ޕޮއިންޓް ފަހެއް އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ. މުދަލު ޒަކާތް މިހާރު ބަލައިގަންނަމުން ގެންދަނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ.