ޚަބަރު

ރައްޔިތުންނަށް ޓީ-ބިލް ވިއްކަން ދަނީ ތައްޔާރުވަމުން- މިނިސްޓަރ


ޢާއްމު ރައްޔިތުންނަށް ޓްރެޝަރީ ބިލް ވިއްކުމަށް ތައްޔާރުވަމުން އަންނަކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ އަންނަ އަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ޢާއްމުންނަށް ޓްރެޝަރީ ބިލް ނުވަތަ ޓީ-ބިލް ވިއްކަން ފަށާނެކަމަށެވެ. ޓީ ބިލަކީ ބަޖެޓްގެ ޑެފިސިޓް ފޫބެއްދުމަށް މަރުކަޒީ ބޭންކުން ވިއްކާ ދައުލަތުގެ ދަރަންޏެކެވެ. ޓީ- ބިލް ވިއްކަނީ އޭގެ އަސްލު އަގަށްވުރެ ހެޔޮކޮށް، އަދި ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން، އޭގެ ފައިސާ އަބުރައި ދައުލަތުން އެފަރާތަކަށް ދައްކަނީ އޭގެ އަސްލު އަގުގައި. މީގެ ސަބަބުން ޓީ ބިލަށް އިންވެސްޓްކުރާ ފަރާތްތަކަށް ފައިދާ ލިބެއެވެ. 

މިހާރު ޓީ ބިލްގައި އިންވެސްޓްކުރަނީ ބޭންކްތަކާއި ޕަބްލިކް ކުންފުނިތަކާއި ޕެންޝަން އޮފީހުގެ އިތުރުން އަމިއްލަ ކުންފުނިތަކުންނެވެ.  

ޤައުމީ ޔުނިވަރސިޓީން ކުރިއަށްގެންދާ އިލްމީ ފޯވަހީގެ ސެމިނަރގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު މުނައްވަރު ވިދާޅުވީ ޢާއްމު ރައްޔިތުންނަށް ޓްރެޝަރީ ބިލް ވިއްކުމަށް އެމްއެމްއާއެކު އެކަމާގުޅޭ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އަދި ޢާއްމުންނަށް ޓްރެޝަރީ ބިލް ވިއްކަން ނިންމީ ރައްޔިތުންނަށް ފަހަށް ރައްކާކޮށްގެން ފައިދާ ލިބޭނެ މަގެއް ފަހިކޮށްދީ، ފަސޭހައިން ފައިސާ އިންވެސްޓް ކުރެވޭނެ މަގު ފަހިކޮށްދިނުމަށްކަމަށެވެ.

ރާއްޖޭގެ މާލީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިންގއެއް ދާދި ފަހުން ހަދާފައިވެއެވެ. ދުނިޔޭގެ ބޮޑު ދެ ރޭޓިންގެ އެޖެންސީއިން ރާއްޖޭގެ ސޮވެރިންގ ކްރެޑިޓް ރޭޓިންގ ހެދިގެން ދިއުމަކީ، ރާއްޖޭގެ ބޭންކްތަކާއި މާލީ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ މާލީ ބާޒާރުތަކުން ފައިނޭންސް ހޯދުމަށް މަގުފަހިވެގެންދާނެ ކަމެއްކަން ސަރުކާރުން ފާހަގަކުރެއެވެ. މިނިސްޓަރ މުނައްވަރު ވިދާޅުވީ ރާއްޖެއަށް ބީ ޕްލަސް ރޭޓިންއެއް ލިބިފައިވާއިރު، ސަރުކާރުގެ އަމާޒަކީ މި ރޭޓިން އިތުރަށް ރަރގަޅު ކުރުންކަމަށެވެ.

ރާއްޖޭއަކީ މަތީ ތަޢުލީމް ޙާޞިލްކޮށްގެން ތިބި ޒުވާނުން ވަޒީފާގެ މާޙައުލުގައި ގިނަ އަދަދަކަށް ޙަރަކާތްތެރިވާ ޤައުމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އުންމީދަކީ ކިޔަވައިގެން ތިބި ޒުވާނުން މާލީ ދާއިރާގައި ގިނަ އަދަދަކަށް ޙަރަކާތްތެރިވުންކަމަށާއި ޤައުމުގެ ތަރައްޤީއަށް މާލީ ދާއިރާ ކުރިއެރުވުން މުހިންމު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.