ކައުންސިލްތަކުގެ ރައީސް އާއި ނައިބު ރައީސް ފިޔަވައި އެހެނިހެން ކައުންސިލަރުންގެ މުސާރައަށް ބަދަލުގެންނަން ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ހުށަހަޅުއްވާފައިވާ އެބިލްގައި ބުނެފައިވަނީ
ކައުންސިލްގެ ރައީސް އާއި ނައިބް ރައީސަށް ލިބޭ މުސާރާގެ އިތުރުން ކައުންސިލްގެ އެހެން މެންބަރުންނަށް ލިބޭ އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. އެގޮތުން ކައުންސިލްގެ ރައީސް އާއި ނައިބް ރައީސްގެ މުސާރަ ފިޔަވައި އެހެނިހެން މެމްބަރުންނަށް ލިބޭނީ ކައުންސިލްގެ ބައްދަލުވުންތަކަށް އެ މެންބަރުން ހާޒިރުވުމުން ދެވޭ އެލަވަންސެއްކަމަށެވެ.
އެގޮތަށް އެ އިސްލާހު ސަރުކާރުން ހުށަހަޅާފައިވަނީ ރައީސް އާއި ނައިބް ރައީސް ފިޔަވައި އެހެން މެންބަރުންނަކީ ދުވަހުން ދުވަހަށް ކައުންސިލް ހިންގުމުގައި އަމަލީގޮތުން ބައިވެރިވާ ބަޔަކަށް ނުވާތީކަމަށެވެ. ލާމަރުކަޒީ ގާނޫނު ބުނާގޮތުން ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތައް މިހާރުވެސް ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ރަށު ކައުންސިލްގެ ރައީސް އަށް ފަނަރަ ހާސް ރުފިޔާގެ މުސާރައެއް ދޭއިރު، ނައިބް ރައީސް އަށް ދެނީ ބާރަ ހާސް ރުފިޔާގެ މުސާރައެކެވެ. އަދި އެހެން މެންބަރުންނަށް އެގާރަ ހާސް ރުފިޔާގެ މުސާރައެއް އަންނަނީ ދެމުންނެވެ.